ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މި ތަކެތި ނައްތާލާފައިވަނީ އަންގާރަދުވަހު އަދި މިއަދު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައިކަމަށެވެ.

ނައްތާލެވުނު ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ، ބަނގުރާ އެކުލެވޭ ތަކެތި، ބަނގުއާވި، ދުންފަތާއި ސިގިރޭޓް އަދި ބޭސް ހިމެނެއެވެ. އެގޮތުން 25469 ބަނގުރާ ފުޅިއާއި، 19430 ބަނގުރާ ދަޅާއި، 39200 ސިގިރޭޓު/ބިޑި ސްޓިކްގެ 300 ގްރާމުގެ ދުންފަތް ކަސްޓަމްސްއިން ވަނީ ނައްތާލާފައެވެ. އަދި 574 ސޮފްޓް ޓްރިންކް ފުޅީގެ އިތުރުން، 25 ކިލޯގްރާމުގެ ބޭސްވެސް ނައްތާލިތަކެތީގެ ތެރޭގައި ހިމެނޭކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗާއި، ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.