ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ރޭ ޑެންމާކާ ދެކޮޅަށް އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކީ ރަހީމް ސްޓާލިންގ ޑައިވްކޮށްގެން ހޯދި ޕެނަލްޓީއެއް ކަމަށާއި އަދި އެހާލަތަކީ ޕެނަލްޓީ ދެވިދާނެ ހާލަތެއްތޯ ރެފްރީ ވީއޭއާރު ބަލަންޖެހޭ ކަމަށް ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓުގެ ޗީފް އަދި އާސެނަލްގެ ކުރީގެ މަޝްހޫރު ކޯޗް އާސެން ވެންގާ ބުނެފިއެވެ.
ވެންގާ ބުނީ ޕެނަލްޓީގެ ސަބަބުން ހަގީގަތުގައި ޑެންމާކް ބަލިވީ ނޫންކަމަށާއި ބަލިވީ ރެފްރީ ކަމަށެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތްފަދަ ހައިބަތު ބޮޑު މުބާރާތެއްގެ ސެމީފައިނަލް މެޗެއްގައި މިކަހަލަ ހާލަތެއްގައި އެންމެ ކުޑަމިނުން ވީއޭއާރު ބަލަން ޖެހޭނެ ކަމަށް ވެންގާ ބުންޏެވެ.
"އަހަރެންގެ ނަޒަރުގައި އެއީ ޕެނަލްޓީއެއް ނޫން. އަހަރެންގެ ނަޒަރުގައި އެފަދަ ހާލަތެއްގައި ރެފްރީ ޔަގީން ކުރަންވާނެ ޕެނަލްޓީއެއް ދެވިދާނެ ހާދިސާއެއް ހިގައިފިތޯ. އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނުނު ވީއޭއާރު ޓީމުން ކީއްވެގެންބާއޭ ރެފްރީއަށް އިރުޝާދު ނުދިނީ ވީއޭއާރު ބަލަން. ހަގީގަތުގައި ވީއޭއާރު ނުބެލުމުގެ ސަބަބުން ޑެންމާކެއް ނޫން ބަލި މިކުރެވުނީ. އޭގެ ބަދަލުގައި ރެފްރީ ބަލިމިވީ. ޑެންމާކުގެ ނަސީބު ދެރައީ" ބީން ސްޕޯޓްސްގައި ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.
ކޯޗިންގ ކެރިއަރުގައި ވެންގާއާ ވާދަވެރި މޮރީނިއޯވެސް މިޕެނަލްޓީގެ ބަހުސްގައި ވެންގާއާ އެއްކޮޅެވެ. މޮރީނިއޯ ބުނީ އޭނާއަށް މަންޒަރު ފެނުނު ގޮތަށް ބަލާއިރު އެއީ ޕެނަލްޓީއެއް ދެވޭނެ ހާލަތެއް ނޫން ކަމަށެވެ. "ފަހަރެއްގައި އަހަރެންގެ މިހިޔާލާ އިނގިރޭސި ސަޕޯޓަރުން ދެކޮޅު ހަދާފާނެ. ސްޓަރލިން ވެއްޓުނީ ޑެންމާކުގެ ޑިފެންޑަރުން ފައުލްކޮށްގެނެއް ނޫން" އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ޓޮޓެންހަމްއަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗް މޮރީނިއޯ ބުންޏެވެ.
އިންގްލެންޑަށް ޕެނަލްޓީ ލިބުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރު ވެފައި އޮތުމުން އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. އިނގިރޭސިންނަށް ޕެނަލްޓީ ދިން ގޮތާއި ޕެނަލްޓީ ޖެހި ވަގުތު ޑެންމާކުގެ ކީޕަރު ކެސްޕަރ ޝޫމައިކަލްގެ ލޮލަށް ލޭޒާ އެޅުވި ހާދިސާގެ ބަހުސް މީޑިޔާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ޕެނަލްޓީގެ ދިނުމުގެ ކުރިން ދަނޑު މަތީގައި އިތުރު ބޯޅައެއް އޮތް މަންޒަރުގެ ފޮޓޯތައްވެސް ދަނީ ސޯޝިއަލް މީޑިއާގައި ދައުރު ވަމުންނެވެ.