ވިހެއުމުގެ ކުރިން މާބަނޑު މީހުންނަށް ހަދާ ޖީންތަކުގެ ޓެސްޓްތައް ހަދާނެ ގޮތް އީޖާދު ކުރި ޗައިނާ ކުންފުނިން އެޓެސްޓްތައް ހަދާ ގޮތް އީދާދުކޮށްފައިވަނީ ޗައިނާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ކަމަށް ރޮއެޓަރޒް އިން ރިޕޯޓް ކޮށްފިއެވެ. މި ޓެސްޓްތަކަކީ، ޅަ ދަރީގެ ޖީންތައް ޓެސްޓްކޮށް އޭގެ ސިފަތައް ދަނެގަނެވޭނެ ފަދަ ޓެސްޓްތަކެކެވެ. އަދި އާބާދީގެ ޚާއްސަ ސިފަތައް ދަނެގަންނަ މި ޓެސްޓްތަކަކީ، ސަލާމަތީ ގޮތުން އެމެރިކާއަށް ނުރައްކާ ކުރާނެ ކަމެއްކަމަށްވެސް ރޮއިޓަރޒް އިން ބުނެއެވެ. ރޮއެޓަރޒް އިން ވަނީ، ކުންފުނީގެ ލިޔެކިޔުންތަކާއި ކަމާ ގުޅުން ހުރި ސައިންޓިފިކް ޑޭޓާތައްވެސް ދިރާސާ ކޮށްފައެވެ.

އެމެރިކާ ސަރުކާރުންވެސް ވަނީ ޗައިނާގެ ޖީންއާ ބެހޭ މަޢްލޫމާތު އެއްކުރުމުގެ މަސައްކަތާ ގުޅޭ މަޢްލޫމާތު ހޯދައި ދިރާސާ ކޮށްފައެވެ. މި ޓެސްޓް ހަދާ ކުންފުނި ބީޖީއައި ގްރޫޕުން ހޯދާ މަޢްލޫމާތާއި މަސްނޫއީ ސިކުނޑީގެ ބޭނުންކޮށްގެން ތަޙްލީލު ކުރަމުންދާ ޑޭޓާގެ ސަބަބުން ޗައިނާއަށް އަސްކަރީ އަދި އިގްތިސާދީ ގޮތުން ކުރިއަރައިގެން ދިއުމަށް ފަހިވެގެންދާނެ ކަމަށް އެމެރިކާއިން ދެކެއެވެ.

ޗައިނާއިން ކުރަމުންދާ މި މަސައްކަތުން ލިބޭ މަޢްލޫމާތުން ދުނިޔޭގެ ބޭސް އުފެއްދުމުގެ ވިޔަފާރީގައި ޗައިނާ ކުރިއަރައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެފަދައިން ޖީންއަށް ބަދަލުތައް ގެނަސްގެން އައު ޖީލެއްގެ ސިފައިންގެ ލަޝްކަރެއްވެސް ބިނާ ކުރެވިދާނެއެވެ. އަދި ބަދަލުތައް ގެނަސްގެން، ޖަރާސީމުތައް އުފައްދައި އެފަދަ ތަކެތި އެމެރިކާގެ އާބާދީއަށާއި އެމެރިކާގެ ކާނާ އުފެއްދުމުގެ ދާއިރާއަށް އަދާވާތްތެރިކަމުގެ ރޫހެއްގައި ތައާރަފް ކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް އެމެރިކާގެ އެޑްވައިޒަރުން ބުނެއެވެ.

ރޮއެޓަރޒް އިން ބުނާ ގޮތުގައި އެ ފަރާތުގެ ހޯދުން ތަކުން އެނގިފައިވަނީ ޗައިނާގެ ބީޖީއައި ކުންފުނިން ވަނީ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް ޗައިނާގެ އިންސާނުންގެ ޖީންތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއްވެސް ކޮށްފައެވެ. ބީޖީއައި އަކީ ދުނިޔޭގެ 52 ގައުމެއްގައި އެންމެ ފުޅާދާއިރާއެއްގައި ޖީންގެ ޓެސްޓްތައް ކުރުމުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ކުންފުންޏެވެ.

ބީޖީއައިން ބުނެފައި ވަނީ މާބަނޑު މީހާގެ ފުށުން ލިބެން ހުންނަ ލެއިގެ ބޭނުން ހިފައިގެން ޓެސްޓްތައް ކުރާ ކަމަށެވެ. މިއީ ވިރާސީ ބަލިތައް ދަރިއަށް ވާރުވެފައިވޭތޯ ބެލުމަށް ކުރާ ޓެސްޓެކެވެ.

ދުނިޔޭގެ 8 މިލިއަން އަންހެނުން ބީޖީއައިގެ ޓެސްޓްތައް ހަދާފައިވާ ކަމަށް ވެއެވެ. އަދި މި ޓެސްޓްތަކުގެ ނަތީޖާއަކީ ޗައިނާގައި ހުންނަ ސާވާތަކުގައި ރައްކާ ކުރާ ޑޭޓާއެވެ.

ރޮއެޓަރޒް އިން ބުނާ ގޮތުގައި ސުޕަރކޮމްޕިއުޓަރތައް ބޭނުންކޮށްގެން ޓިބެޓާއި އުއިގޫރު މީހުންގެ ނަސްލުތައް ޖީން ޓެސްޓްތަކުގައި ވަކި ކޮށް ދައްކައެވެ. އަދި މިއިން މި ބައިމަދު އާބާދީގެ ޚާއްސަ ސިފަތައްވެސް ހޯދައި ގަނެވެއެވެ.

2019ގައި ޗައިނާއިން ނިންމާފައިވަނީ އާބާދީގެ ޖީންތަކާ ބެހޭ ގޮތުން ހޯދާ މައްލޫމާތަކީ، ގައުމީ ސަލާމަތާ ބެހޭ މަޢްލޫމާތުގެ ގިންތީގައި ހިމެނޭ ޑޭޓާ ކަމަށެވެ.