ބޭރު ގައުމުތަކުގައި އުފައްދާފައިވާ ކޮވިޑް19 ވެކްސިން އިންޑިއާއަށް އޮގަސްޓް ހާ ހިސާބުގައި ލިބޭނެކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ޑަބްލިއުއެޗްއޯއިން ހިންގާ ޕްރޮގްރާމުގެ ދަށުން އިންޑިއާއަށް ތިން ހަތަރު މިލިއަނެއްހައި ވެކްސިން ލިބޭނެކަމަށް ވެއެވެ. މިއީ ފައިޒަރއާއި މޮޑާނާ ވެކްސިންގެ ޑޯޒްތަކެވެ.
އިންޑިއާއަކީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ޕްރޮގްރާމުގެ ދަށުން އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދައި އެކްސްޕޯޓް ކުރަމުން ދިޔަ ގައުމެވެ. ނަމަވެސް އިންޑިއާގައި ކޮވިޑް19ގެ ކޭސްތައް ގިނަ ވާން ފެށުމުން، އިންޑިއާއިން ވެކްސިން ބޭރުކުރުން ހުއްޓައިލީއެވެ. އެހާތަނަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައިއާއި ވިޔަފާރީގެ ގޮތުގަކި 66 މިލިއަން ވެކްސިން ޑޯޒް ބޭރުކުރިއެވެ.
ޑަބްލިއުއެޗްއޯއާއެކު ކޯވެކްސިން ފޯރުވައި ދިނުމުގައި ބައިވެރިވާ ގާވީ އިން ބުނެފައި ވަނީ ފަހަރެއްގައި މިމަސް ތެރޭގައިވެސް އިންޑިއާއަށް ވެކްސިން ފޮނުވިދާނެއެވެ. މިހާރު ދަނީ މިކަމާ ގުޅިގެން ކުރަން ޖެހޭ ގާނޫނީ ކަންކަން ކުރަމުންނެވެ.
ޖޫން މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޢްލާން ކުރެއްވީ ދުނިޔޭގެ ގައުމުތަކަށް 500 މިލިއަން ޑޯޒް ވެކްސިން ފޯރުވައިދެއްވާނެ ކަމަށެވެ.
އިންޑިއާއިން ވަނީ މިހާތަނަށް 360 މިލިއަން ޑޯޒް ވެކްސިން ޖަހާފައެވެ. އިންޑިއާގެ އާބާދީގެ ވެކްސިން ދޭން ކަނޑައަޅާފައިވާ އުމުރު ފުރައިގެ 31 އިންސައްތަ މީހުންނަށް ވެކްސިންގެ އެއް ޑޯޒް ވަނީ ޖަހާފައެވެ.
އިންޑިއާގެ އަމާޒަކީ ދުވާލަކަށް ދިހަ މިލިއަން ޑޯޒް ޖެހުމެވެ. ނަމަވެސް މިދިޔަ ހަފްތާއާ ހަމައަށް ދުވާލަކަށް އަދި ޖެހެނީ ހަތަރު މިލިއަން ޑޯޒް އެވެ.