ކަމެއް ކުރަން ފަށައިގަތުމަށް ބޭނުންވަނީ އުފެއްދުންތެރި ޚިޔާލެވެ. އެއަށްފަހު ހިތްވަރެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރެވެ. ދެން އަމަލީ މަސައްކަތެވެ. ދެން އެކަމެއްގައި ދެމި ތިބުމުގެ ވަރުގަދަ އަޒުމެވެ.

މާލެއަށް އުފަން އައިޝަތު ޝަނީދާ އަކީ އެފަދަ އަންހެނެއްކަން އޭނާ މިވަނީ ދައްކައިދީފައެވެ. ފުޓްރެސްޓް ވިޔަފާރި ކާމިޔާބު ވުމުގެ ސިއްރަކީ އޭނާގެ ކެރުންތެރި ކަމާއި ހިތްވަރާއި މަސައްކަތެވެ.

މަސައްކަތް ފެށުނު ގޮތް

ޝަނީއަށް އެންމެ ކުޑައިރުވެސް މާމަޔާ މަންމަމެން އަމިއްލަ މަސައްކަތްތައް ކުރާތަން ފެނެއެވެ. ފެހުމާއި މާޖެހުމާއި އަތްތެރިމަސައްކަތަށް ޝަނީގެ މަންމަ އާއި މާމަ ވަރަށް ކުޅަދާނައެވެ. މައުރުޒުތަކުގައި ބައިވެރިވެ އަމިއްލަ މަސައްކަތް ކުރިއަރުވަމުން ގެންދިއުމަކީ އާއިލާގެ ތެރެއިން ޝަނީ އަށް ފެނުނު ފުރިހަމަ ނަމޫނާ އެކެވެ. އެހެންކަމުން ތަޢުލީމީ ޙަޔާތް ނިންމާލުމަށްފަހު އަމިއްލަ މިނިވަން ވިޔަފާރިއެއް ފެށުމަކީ ޝަނީ ކުރަމުން ދިޔަ އުއްމީދެކެވެ. "ކުޑައިރު މީހުން އަހާނެ ބޮޑުވެގެން ވާނީ ކޮންކަހަލަ މީހަކަންހޭ؟ " ޝަނީ ބުނަނީ ބިޒްނަސްވުމަން އަކަށޭ ވާނީ" ޝަނީ ބުންޏެވެ.

ޢާއިޝަތު ޝަނީދާ ފުޓު ރެސްޓުގެ ބައެއް މުވައްޒަފުންނާ އެކު

ޅަ އުމުރުއްސުރެ ދުޅަހެޔޮ ޞިއްޙަތަށް ޝައުގުވެރިކަން ހުންނަ ޝަނީ މެލޭޝިއާއިން ބެޗްލަވާސް ޑިގްރީ އަށް ކިޔެވި ދުވަސްވަރު ޞިއްޙަތާ ގުޅޭ ތަފާތު ފޮތް ގަނެ އެ ފޮތްތައް މުޠާލިޔާ ކޮށް ހެދިއެވެ. އަދި މަސާޖު ކުރުމުގެ މުހިންމުކަން ދެނެގަތުމަށް ފޮތްތައް ކިޔާ ޔޫޓިއުބު ޗެނަލްތައް ބަލާ އަމިއްލަ އަށް ދިރާސާ ކުރިއެވެ. އޭރު އެކަން ކުރީ މިފަދަ ވިޔާފިއެއް ފެށުމަށް ތައްޔާރު ވުމަކަށް ނޫނެވެ. ނަމަވެސް ހަމަށާއި ޞިއްހަތަށް ފައިދާހުރި ކަންތައް ދަސްކުރުމަކީ ޝަނީ ޝައުގުވެރިވާ ކަމަކަށް ވާތީއެވެ.

ފުޓް ރެސްޓް

ޝަނީ ބުނިގޮތުގައި ފުޓް ރެސްޓަކީ ފިރިމީހާގެ ޚިޔާލެކެވެ. ފިރިމީހާއަކީ ރާއްޖެއިން ބޭރަށް ވިޔަފާރި ދަތުރުތަކުގައި ގޮސް އުޅޭ މީހަކަށް ވުމުން މިފަދަ ތަންތަން ފެނި ރާއްޖޭގައި މިފަދަ ތަނެއް ނެތުމުން އެ ޚިޔާލު ހުށައެޅީއެވެ. ބާޒާރުކޮށް ނުވަތަ މަސައްކަތުގައި އުޅެފައި އަންނަ މީހުނަށް އަރާމުކޮށްލާ ފަޔަށާއި ހަށިގަނޑަށް ލުޔެއް ހޯދައި ދިނުމަކީ އޭގެ މަގުސަދެވެ.

ޢާއިޝަތު ޝަނީދާ ފުޓު ރެސްޓުގެ ބައެއް މުވައްޒަފުންނާ އެކު

މީހަކާ އިނުމަށްފަހު އަމިއްލަ ދިރި އުޅުމަށް ވަގުތު ހުސްކުރުމަށް ޝަނީ ވަޒީފާއިން ވަކިވިއެވެ. އަދި ދިމާވި ޞިއްޙީ މައްސަލަތަކެއްގެ ސަބަބުން އިތުރަށް ވަޒީފާއަށް ދިއުމުގެ ޚިޔާލު ޝަނީ ދޫކޮށްލިއެވެ. "ޞިއްޙީ ބަލިމަޑުކަމުން އަރައިގަނެވުމުން ވިޔަފާރިއެއް ފެށުމަށް ފިރިމީހާ ހިތްވަރު ދިނުމުގެ އިތުރަށް އެކަމަށް ބާރު އަޅައި މިކަން ކުރިއަށް ދިއުމަށް މަގުވެސް ކޮށައި ދިން" ޝަނީ ބުންޏެވެ. އެހެންކަމުން ޝަނީވެސް ޝައުގު ހުރި ދާއިރާ އެއް ކަމަށްވާތީ ފުޓް ރެސްޓް ހުޅުވުމަށްފަހު ބޭރުން ތިން ތެރަޕިސްޓުން ގެނެސް މަސައްކަތް ފެށިއެވެ. މި މަސައްކަތް ފެށުމުން ވަރަށް ގިނަ ބައެއްގެ ތަރުޙީބު ލިބެން ފެށިއެވެ. ފުޓް ރެސްޓް ހުންނަނީ ހުޅުމާލޭ ޝުވެކް ސިނަމާ މަގުގައެވެ.

ފުޓް ރެސްޓުން ދޭޚިދުމަތް

ފުޓް ރެސްޓަކީ ޚާއްޞަކޮށް ފައިގެ ދުޅަހެޔޮކަމަށް ޚާއްޞަ ކުރެވިފައިވާތަނެކެވެ. އެހެންކަމުން ފައި ސާފުކުރުމުގެ ހުރިހާ ޚިދުމަތެއް މިތަނުން ލިބެން ހުރެއެވެ. އަވަސް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ވަގުތު ކަނޑައަޅައިގެން ދެވޭ ޚިދުމަތްތައް ފުޓް ރެސްޓް ގައި ހަމަޖެހިފައިވެއެވެ. އަދި ފައިގެ މަސާޖާއި ބޮލާއި ކަނދުރާ، ކޮނޑު، ބުރަކަށީގެ މަސާޖުގެ އިތުރަށް ސައިނަސް މާބަނޑު މީހުނަށްވެސް ފްޓްރެސްޓުން ފަރުވާ ދެއެވެ. މިއިން ކޮންމެ ޚިދުމަތަކަށްވެސް ޚިދުމަތް ހޯދާ ފަރާތުން ބޭނުންވާ ގޮތަށް ވަގުތާއި ގަޑި ހަމަޖައްސައި ދިނުމަކީ ޝަނީގެ ފުޓް ރެސްޓުން ވަރަށްބޮޑަށް ސަމާލުކަން ދޭކަމެކެވެ. މިއީ އާއިލާގެ މެންބަރުން އެއްކޮށްވެސް ފަރުވާ ހޯދޭ ގޮތައް ތައްޔާރުކޮށްފައިވާ މާހައުލެކެވެ. އަދި ރައްޓެހިން ނޫނީ އޮފީސް ކުދިން ގްރޫޕް ހަދާލާފައި ގޮސްވެސް މިތަނުން ފަރުވާ ހޯދިދާނެއެވެ. މި ތަން ތައްޔާރު ކުރެވިފައިވަނީ ފަހަރަކު ހަ މީހުނަށް އެކީގައި ފަރުވާ ދެވޭ ގޮތަށެވެ. ޝަނީ ބުނާ ގޮތުގައި ހުރިހާ އުމުރުފުރައަކާއި ދެ ޖިންސުގެ މީހުނަށް ގުޅޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި މާހައުލުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިން އަދި ޒުވާނުންވެސް ޚިދުމަތް ހޯދައެވެ. މިހާރު މިތަނުގައި ފަސް ތެރަޕިސްޓުން މަސައްކަތް ކުރެއެވެ.

ފުޓު ރެސްޓުން ކުޑަ ކުއްޖަކަށް ޚިދުމަތް ދެނީ

އެތަން ހުޅުވައިގެން ޚިދުމަތްދޭތާ މިވީ 3 އަހަރެވެ. ތަން ހުޅުވައިގެން ދޮޅު އަހަރު ވީއިރަށް ކޮވިޑް 19ގެ ބަލިމަޑުކަން ފެތުރި ތަން ބަންދުކުރަން ވެސް ޖެހުނެވެ. އެހެން ނަމަވެސް ވަރަށް ގިނަ މީހުން ގުޅާފަ ކޮން އިރަކުންތޯ ހުޅުވަނީ ފައިގަ ވަރަށް ބޮޑަށް ރިއްސާތީއޭ މިއުޅެނީ ނޫނީ ބުރަކަށީގައި ރިއްސާތީއޭ ގޭގައި ހުރެގެން ދެވޭނެ ފަރުވާއެއްވެސް ބުނެލަދޭށޭ އަހާ ކަމަށް ޝަނީ ބުންޏެވެ.

ކުޑަކުދިންވެސް އެކުދިންގެ އުފަންދުވަހުގެ ހަދިޔާއަކަށް ފުޓް ރެސްޓްގެ ތެރެޕީ އަކަށް މައިންބަފައިންގެ ކިބައިން އެދޭ ކަމަށް ޝަނީ ބުންޏެވެ.

ޝަނީދާ ފުޓު ރެސްޓުގެ އެމްބެސަޑަރަކާ އެކު

މިކަމުގައި އޭނާގެ ފިރިމީހާއި، އާއިލާގެ އެހެން މެމްނަރުންނާއި މައިންބަފައިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކާއި އެތަނުގެ އެންބެސެޑާ ސުނާޝާގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭކަމަށް ޝަނީ ބުންޏެވެ. "ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ސުނާޝާ އަށް މި އީ ވަރަށް ހިތްގައިމު މާހައުލެއް. ވަރަށް ގިނައިން ބުނާނެ ވަރަށް ރަހުމަތްތެރި މާހައުލެކޭމީ ހީވަނީ ހަމަ ގޭގައި އުޅެވޭހެންނޭ" ޝަނީ ބުންޏެވެ. ފުޓް ރެސްޓްގެ ޚިދުމަތްތައް މީހުންނަށް އަންގައި ދިނުމަށާއި މިކަމުގައި ހުރި ފައިދާ އޮޅުންފިލުވައިދިނުމުގައި ސުނާޝާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ގޮންޖެހުންތައް

ކޮވިޑް 19 ގެ ސަބަބުން ހުރިހާ ވިޔަފާރިއަކަށް އައި ލޮޅުން ޝަނީގެ ފުޓް ރެސްޓްގެ މަސައްކަތަށްވެސް ކުރިމަތި ވިއެވެ. ތަން ބަންދު ކުރުމަށްފަހު ތެރަޕިސްޓުންނަށް މުސާރަ ދިނުމާއި އެމީހުން ތިބޭނެ ތަނަށް ކުލި ދެއްކުމުގެ އިތުރަށް ފުޓް ރެސްޓް އިމާރާތަށްވެސް ކުލި ދައްކަން ޖެހުމަކީ ވަރަށް ދަތި ކަމަކަށް ވިއެވެ. ނަމަވެސް ޝަނީ އެކަންތައްވެސް ތަހައްމަލުކޮށް އަނެއްކާވެސް އާހިތްވަރަކާއިއެކު ތަން ހުޅުވައި އާ ފެށުމަކުން މަސައްކަތް ފަށައިގަތީ މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އެހެންނަމަވެސް މިހާރު މި ޚިދުމަތް ހޯދާ ފަރާތްތައް ގިނަވުމުން ޖާގައިގެ ދަތިކަން ކުރިމަތިވާކަމަށް ޝަނީ ބުންޏެވެ.

ޝަނީދާ އޭނާގެ ކުޑަ ފެމިލީއާއެކު

ކޮންމެ މަސައްކަތަކީވެސް ރަނަގަޅު ގޮތުގައި ކުރެވިއްޖެނަމަ ކާމިޔާބު ވާނެ މަސައްކަތެއްކަން ޝަނީ ހާމަކޮށްދީފިއެވެ. ޝަނީ އަކީ ވަރަށް ހިތްވަރުގަދަ ކަމަށް ކަމޭހިތައިގެން މަސައްކަތްކުރާ ޒުވާނެކެވެ. ޝަނީގެ ތިޔަ މަސައްކަތަށް އިތުރު ކާމިޔާބާއި ކުރިއެރުމަށް އެދެމެވެ.