ނުރައްކާތެރި ކުނި ތިމާވެއްޓާއި ރައްޓެހި އުސޫލުން މެނޭޖުކުރުން ހަރުދަނާ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވީ ރައްކާތެރި ގޮތުގައި ކެމިކަލްސް މޭންޖްކުރުމަށް ޕޮލިސީ، ޕްލޭން އަދި ސްޓްރެޖީސް އެކުލަވާލުމަށް ސަރުކާރުގެ ސްޓްރެޖެކް އެކްޝަންޕްލޭންގައި ހިމަނާފައިވާ ކަމަށެވެ.
މާހައުލީ ނިޒާމަށް މި ފަދަ ނުރައްކާތެރި ކުނި އަދި ކެމިކަލްތަކުގެ ބާވަތްތައް ބޭރުވުމުގެ ސަބަބުން ފަސްގަނޑަށާއި ކަނޑުގެ ދިރުންތަކަށް ދިމާވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވި މި ރާއްޖޭގެ ގުދުރަތީ، ރީތި ކަން ދަމަހައްޓައި ރާއްޖޭގެ އިޤުތިޞާދީ ތަނބު ކަމަށްވާ، ފަތުުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަން ބިނާވެފައިވާ ކަނޑުގެ މާހައުލީ ނިޒާމު ރައްކާތެރިކޮށް ހިމާޔަތްކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
ކެމިކަލް މެނޭޖުކުރުމަށް ދިމާވެފައިވާ ހުރަސްތަކަށް ހައްލެއް ހޯދައިދިނުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، މިނިސްޓްރީން އަމަލީ މަސައްކަތް ފަށާފައިވާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން، ގްރޭޓާރ މާލޭ ސަރަހައްދުގައި ކެމިކަލްސް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުމަށް ސޮއި ކޮށްފައިވަނީ މިއަދު އެވެ.
މި ސޮއި ކުރެވުނު ކޮންސަލްޓެންސީގެ އެއްބަސްވުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި، ފެސިލިޓީގެ އިންޖިނިއަރިންގ ޑިޒައިންތައް ތައްޔާރު ކުރުން ހިމެނެ އެވެ.
މި ފީސިބިލިޓީގެ ނަތީޖާއަށް ބަލައި ފެސިލިޓީ ގާއިމުކުރުމުން ނުރައްކާތެރި ކުނީގެ ބާވަތްތައް އާންމު ކުންޏާއި ވަކިކޮށް ނުރައްކާތެރި ކުންޏާއި ކެމިކަލްސް މެނޭޖުކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކެމިކަލްސް އަދި ނުރައްކާތެރި ކުނި މެނޭޖުކުރެވޭނެ އެވެ.