ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރެފްރީކަން ކުރާނީ ނެދަރލޭންޑްގެ ރެފްރީއެއް ކަމަށް ޔުއެފާ އިން ބުނެފި އެވެ.
ޔުއެފާ އިން ބުނެފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ރެފްރީކަން ކުރާނީ ނެދަރލޭންޑުގެ ބިޔޯން ކައިޕަރސް ކަމަށެވެ. އަދި އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހަަމަޖައްސާފައިވަނީ ނެދަލޭންޑްސްގެ ސެންޑަރ ވެން ރޮކެލް އަދި އަރވިން ޒެއިންސްޓްރާ ކަމަށެވެ.
މީގެ އިތުރުން ހަތަރުވަނަ ރެފްރީގެ ގޮތުގައި ސްޕެއިން ކާލޯސް ޑެލް ސެރޯ ގްރާންޑޭ ހަމަޖައްސާފައިވާ އިރު، ވީއޭއާރު ޓީމުގައި ހިމަނާފައިވަނީ ޖަރުމަނުގެ ތިން ރެފްރީންނާއި ނެދަލޭންޑްސްގެ ރެފްރީއެކެވެ.
ޢުމުރުން 48 އަހަރުގެ ބިޔޯން އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލު މެޗުގައި ރެފްރީކަން ކުރާ ނެދަރލޭންޑްސް ގެ ފުރަތަމަ ފަރާތެވެ.
މިއަހަރުގެ ޔޫރޯގައި ބިޔޯން ކައިޕަރސް ވަނީ މިހާތަނަށް ތިން މެޗެއް އިންސާފުކޮށްފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ޑެންމާކާއި ބެލްޖިއަމް ކުޅުނު މެޗާއި ސްޕެއިން އަދި ސްލޮވާކިއާ ކުޅުނު މެޗާއި ކުއާޓަރ ފައިނަލްގައި ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗެވެ.
ކައިޕަރސް އަކީ މި ޔޫރޯގައި ރެފްރީކަން ކުރާ ރެފްރީންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ ރެފްރީ ކަމަށްވާތީ، މިއީ އޭނާ ބައިނަލްއަގްވާމީ މެޗެއްގައި އިންސާފުކުރާ އެންމެ ފަހު ފަހަރު ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އޭނާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި ރެފްރީގެ ވެސް ގޮތުގަ އެވެ. އެގޮތުން ބިޔޯންގެ މިލްކިއްޔާތުގައި 11.5 މިލިއަން ޕައުންޑް ހުރިކަމަށް ޑެއިލީ މެއިލް އިން ދައްކަ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޑިގްރީއެއް ހާސިލުކޮށްފައިވާ ބިޔޯން އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި އޭނާއަކީ ނެދަލޭންޑްސްގެ ކާމިޔާބު ސުޕަރމާކެޓް ޗެއިނެއް ކަމަށްވާ ޖަމްބޯ ކައިޕަރސްގެ ކޯފައުންޑަރ ވެސް މެއެވެ.