އިންޑިއާއާއި ނޭޕާލުން ރޭލްގެ ޚިދުމަތާ ގުޅޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ވަށާލެވިފައިވާ ނޭޕާލަށް ބޭނުންވާ މުދާ އިންޑިއާގެ ހުރިހައި ބަނދަރަކުން އިންޑިއާގެ ރޭލްވޭ މެދުވެރިކޮށް ނޭޕާލަށް އެތެރެ ކުރުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ބާޒާރުގެ އަގުތަކުގައި ކޮންޓެއިނާތައް އުފުލުމަށް ފަހިވެގެން ދާނެއެވެ.

ދެގައުމުގެ ދެމެދު ރޭލްގެ ޚިދުމަތް ފުޅާ ކުރުމާ ގުޅޭ ގޮތުން ސޮއިކޮށްފައިވާ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައި ވަނީ މަޖާޒީ ބައްދަލުވުމެއްގައި އިންޑިއާއާއި ނޭޕާލްގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީންނާއި ނިއުދިއްލީއާއި ކަޓްމަންޑޫގައި ހުންނަ އިންޑިއާއާއި ނޭޕާލްގެ އެމްބަސީއާއި ދެ ގައުމުގެ ރޭލްވޭ މަސްއޫލުވެރިންގެ މެދުގައެވެ.

އިންޑިއާއިން ބުނިގޮތުގައި މިއީ އިންޑިއާއާއި ނޭޕާލްގެ ދެމެދު ރޭލް ދަތުރުތަކުގައި މުދާ މިނިވަންކަމާއެކު ބަދަލު ކުރުމަށް ހުޅުވިގެންދާ ފަސޭހަ ދޮރެކެވެ. މި އެއްބަސްވުމާއެކު އިންޑިއާގައި އޮޕަރޭޓް ކުރާ ހުރިހައި ބާވަތެއްގެ ރޭލެއްގައި ނޭޕާލަށް އެތެރެ ކުރާ ކޮންޓެއިނާ މުދަލާއި އުޅަނދުތައް އުފުލުން ފަސޭހަ ވެގެންދާނެއެވެ.

މީގެ އިތުރުން ނޭޕާލުގެ ރޭލްވޭގެ މުދާ އުފުލާ ރޭލުތައް އިންޑިއާގެ ކަލްކައްތާގެ ބަނދަރުތަކުގެ ސަރަހައްދަށް ފަސޭހައިން ވެދެ ނިކުމެ ހެދުންވެސް ވަނީ ހުއްދަކޮށްފައެވެ.