އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ އޭނާގެ ރަހްމަތްތެރިއެއް ކަމަށާއި އެކަމަކު ދަނޑު މަތީގައި މެސީއާ ދެމެދު އެއްވެސް ރަހްމަތްތެރިކަމެއް ނޯންނާނެ ކަމަށް ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ފައިނަލުގައި މިރޭ ފަތިހު އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.
ނޭމާ ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނާ ދެކޮޅަށް އާޖެންޓީނާ ކުޅުނުއިރި ސަޕޯޓް ކުރީ މެސީ އާއި އާޖެންޓީނާއަށް ކަމަށާއި އެކަމަކު މިރޭގެ ފައިނަލަކީ ދެރަހްމަތްތެރިއެއްގެ ދެމެދުގައި ކުޅެވޭ ޕީއެސް މެޗެއްފަދަ މެޗެއް ކަމަށެވެ. "މެސީއަކީ އަހަރެންގެ ރަހްމަތްތެރިއެއް. އެކަމަކު ފައިނަލުގައި ރަހްމަތްތެރިކަމުގެ ދެމެދުގައި ރޮނގެއް އެބައޮތް. އާޖެންޓީނާ މީގެ ކުރިން ކުޅުނު ފައިނަލްތަކުގައި އަހަރެން ސަޕޯޓް ކުރީ މެސީ އާއި އާޖެންޓީނާއަށް. އެކަމަކު މިފަހަރު އަމިއްލަ ގައުމަށް ތަށި ހޯދައިދޭން އަހަރެން މިނުކުންނަނީ" ނޭމާ ބުންޏެވެ.
2013 ވަނަ އަހަރު މެސީ ކުޅެމުންދިޔަ ބާސެލޯނާއަށް ނޭމާ ބަދަލުވުމާއެކު ފުޓްބޯޅައިގައި އެންމެ ބޮޑު އެހީތެރިކަމެއް އޭނާއަށް ދިން މީހަކީ މެސީއެވެ. ބާސެލޯނާގައި ނޭމާ ހޭދަކުރި ތިން ސީޒަނުގައި މޭސީ އާއި ނޭމާ ވަރަށް ގާތް ރަހްމަތްތެރިންނަށް ބަދަލުވިއެވެ.
"އަހަރެން އަބަދުވެސް މެސީއަށް އިހްތިރާމް ކުރަން. އަދި އޭނާއަކީ އަހަންނަށް ފެނުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. އަހަންނަކީ ބްރެޒިލް މީހެއް. ބްރެޒިލަކީ އަހަރެންގެ ފަހްރު. އަހަރެން އަބަދުވެސް ދެކެމުންދިޔަ ހުވަފެނަކީ ބްރެޒިލް ގައުމީ ޓީމުން ޖާގަ ލިބުމާއި ގައުމީ ސަލާމް ސަޕޯޓަރުން ކިޔާ އަޑު އިވުމަށް. އިދިކޮޅަށް ނުކުމެފައިވާ އެއްވެސް ޓީމަކަށް އަދި އިދިކޮޅަށް ނުކުންނާނެ އެއްވެސް ޓީމަކަށް އަހަރެން އެއްވެސް ސިފައެއްގައި ތަރުހީބެއް ނުދޭނަން" ނޭމާއަކީ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށް ބްރެޒިލްގެ ބައެއް ސަޕޯޓަރުން ވާހަކަ ދައްކާތީ އެކަމަށް އިޝާރާތް ކުރަމުން ނޭމާ ބުންޏެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް އާއި އާޖެންޓީނާ އެންމެފަހުން ބައްދަލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މުބާރާތުގެ ސެމީފައިނަލުގައެވެ. ރެފްރީގެ މައްސަލަ ބޮޑުވި އެމެޗް 2-0 އިން ކާމިޔާބުކުރީ ބްރެޒިލްއެވެ. އަދި ފައިނަލުގައި ޗިލީ ބަލިކޮށް ޗެމްޕިއަންކަން ހޯދީވެސް ބްރެޒިލެވެ.
ބްރެޒިލް އާއި އާޖެންޓީނާ ބައްދަލު ކުރާ ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ ފަތިހު 5:00 ގައި ބްރެޒިލްގައެވެ.