އިންޑިޔާ ސިފައިން ދިވެހިރާއްޖޭގައި ތިބުމީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ގޮންޖެހުމެއް ކަމަށް އުމަރުނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންމިދާ ދިވެހިންގެ ފަޙުރުވެރި ޤައުމީ ދުވަހާ ގުޅިގެން އުމަރު ވިދާޅުވީ އިންޑިޔާ އަސްކަރިއްޔާގެ 200 ސިފައިން ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގައި ރުކުވާލެވިފައި ތިބުމީ ދިވެހެިރާއްޖޭގެ މިނިވަން ކަމަށް އޮތް ހުރަހެއް ކަމަށާ މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"މިއަދު އަޅުގަޑު މިވާހަކަ ދައްކާއިރު އިންޑިޔާގެ އަސްކަރިއްޔާގެ 200 ސިފައިން ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގައި ރުކުރުވާލާފަވޭ. މިއީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މިއީ އަޅުގަޑުމެން ހުއްޓުވަންޖެހޭ ކަމެއް. ﷲ އިރާދަކުރެއްވިއްޔާ މިޤައުމުގެ މިނިވަންކަން ދިފާޢު ކުރުމުގައި އަބަދުވެސް މި ޤައުމުގެ ރައްޔިތުން ތެދުވާނެ. އަޅުގަޑުމެންގެ އުފާވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ތިޔަ އެންމެހާ ބޭފުޅުންނަށް އަރިސްކުރަން."

އުމަރު އިތުރަށް ވިދާޅުވީ ޕޯޗުގީޒުން ދިވެހިންނަށް ހަމަލާ ދިނީ ކަނޑިއާ ބަޑިން ކަމަށް ވިޔަސް މިޒަމާޏުގައި ޤައުމުތަކަށް ހަމަލާދެނީ އެހެން ނުސީދާ ގޮތްގޮތުން ކަމަށެވެ.

"މިއަދަކީ ޕޯޗުގީޒުންގެ ލަޝްކަރެއް، ދިވެހިން ނިކުމެ ހަގުރާމައެއްގައި ބަލިކޮށް، ޕޯޗުގީޒުން މި ޤައުމުން ބޭލި އަޅުގަޑުމެންގެ އުފާވެރި ޤައުމީ ދުވަސް. ޕޯޗުގީޒުން އަޅުގަޑުމެންނަށް ހަމަލާދެނީ ކަނޑިއާއި ބަޑިން. އެކަމަކު މި ޒަމާނުގައި ޤައުމުތަކަށް ހަމަލާ ދެނީ ކަނޑިއާއި ބަޑިއަކުންނޫން. މި ޒަމާނުގައި އެހެނިހެން ނުސީދާ ގޮތްތަކުން ޤައުމުތަކަށް އަރާ ޤައުމުތައް ހިފަނީ. " އުމަރު ވިދާޅުވިއެވެ.

އަދި ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އުމަރު ވަނީ ފޮނުވާފައެވެ.