އެއީ 1946 ވަނަ އަހަރެވެ. އާޖެންޓީނާގެ ބުއެނަސް އައިރީޒްގެ 67،000 ސަޕޯޓަރުންނަށް ވަދެވޭ އެސްޓާޑިއޯ މޮނުމެންޓަލް ދަނޑު ގުގުމާފައި އޮތީ ކޮޕާ އެމެރިކާ ފައިނަލުގައި އާޖެންޓީނާ އާއި ބްރެޒިލް ބައްދަލު ކުރާ މެޗް ބެލުމަށް ކެތްމަދުވެފައި ތިބި ސަޕޯޓަރުންގެ އަޑުންނެވެ. އުރުގުއޭގެ ރެފްރީ ނޯބެލް ވެލެންޓިނީގެ ކަށިގަނޑުގެ އަޑާއެކު ފެށި މިމެޗް ގޯހުން ގޯހަށް ދިޔައީ މެޗުގެ 28 ވަނަ މިނެޓުގައި ބްރެޒިލްގެ މަޝްހޫރު މިޑްފީލްޑަރު ޖެއާ ރޯސާ ޕިންޓޯގެ ނުރައްކާތެރި ޓެކުލަކުން އާޖެންޓީނާގެ ކެޕްޓަން އަދި ޑިފެންސުގެ މައިތަނބު ހޯސޭ ސަލަމޮންގެ ފައި ބިންދާލުމުންނެވެ.
ޕިންޓޯގެ ޓެކްލަށްފަހު ދެގައުމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި މެޗް ހުއްޓާލަން ޖެހުނެވެ. އެކަމަކު ފަހުން ދެގައުމުގެ ކުޅުންތެރިން މެޗް އަލުން ކުޅެން އެއްބަސްވެ މެޗް ފުރިހަމަ ކުރިއެވެ. އާޖެންޓީނާއިން 2-0 އިން ބްރެޒިލް ބަލިކޮށް ޗެމްޕިއަންކަން ހޯދައި ސަޕޯޓަރުން ހެއްވާލަދިންއިރު، ލިބުނު އަނިޔާގެ ސަބަބުން ސަލަމޮންގެ ފުޓްބޯޅަ ކެރިއަރު މިމުބާރާތާއެކު ނިމުމުގެ ސިއްކަ ޖެހުނެވެ.
މިފަދަ އެތައް ހާދިސާތަކެއް އާޖެންޓީނާ އާއި ބްރެޒިލް ބައްދަލު ކުރި މެޗުތަކުގައި ވަނީ ހިނގާފައެވެ. އާޖެންޓީނާ އާއި ބްރެޒިލް ބައްދަލު ކުރާ މެޗުތަކަށް "ސްޕަރކްލެސިކޯ" ގެ ނަމުން ނަން ދެވިފައިވުމުންވެސް މިދެގައުމު ބައްދަލު ކުރާ މެޗުތަކުގެ ވާދަވެރިކަމާއި ހައިބަތު ހާމަވެގެންދެއެވެ.
މިރޭގެ ކޮޕާ އެމެރިކާ ފައިނަލަކީ މިދެގައުމުގެ ވާދަވެރިކަމުގެ ތާރިހަށް އިތުރުވާނެ ބޮޅެކެވެ. އާޖެންޓީނާ އާއި ބްރެޒިލް މިހާތަނަށް 111 ފަހަރު ވަނީ ބައްދަލު ކޮށްފައެވެ. މީގެ ތެރެއިން 46 މެޗް ކާމިޔާބު ކުރީ ބްރެޒިލުންނެވެ. އާޖެންޓީނާ އިން ވަނީ 40 މެޗް ކާމިޔާބު ކޮށްފައެވެ. ބްރެޒިލާ ދެކޮޅަށް އާޖެންޓީނާ އެންމެފަހުން ކުޅުނު 7 މެޗުގެ ތެރެއިން މޮޅުވެވިފައި ވަނީ އެންމެ 2 މެޗުންނެވެ. މިހަތްމެޗުގައި ބައިކޮޅަށް ވަނީ 7 ލަނޑު ވަދެފައެވެ. އެކަމަކު މިހަތްމެޗުގެ ތެރެއިން އެންމެފަހުން ކުޅުނު ހަތަރު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ބްރެޒިލް ކޮޅަށް 5 ލަނޑު ކާމިޔާބު ކޮށްފައިވުމަކީ މިރޭގެ ފައިނަލަށް ނުކުންނައިރު އާޖެންޓީނާއަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. އަނެއްކޮޅުން ބްރެޒިލްގެ ސްޕަރ ސްޓަރ ނޭމާއަށް އެންމެފަހުން ކުޅުނު ހަތަރު މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ބްރެޒިލުން ނަތީޖާ އެގައުމު ކޮޅަށް އަނބުރާލަމުން ދަނީ ނޭމާ ލަނޑު ޖަހަން ތަނަވަސްކޮށްދޭ ފުރުސަތު ތަކުންނެވެ.
އާޖެންޓީނާ އާއި ބްރެޒިލަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ޒަމާންވީ ދެހަތުރުންނެވެ. ފީފާއިން ބުނެފައި ވަނީ ވާދަވެރި ކަމުގެ ރަހަ ހެޔޮވަރު ކޮށްދޭ މެޗަކީ އާޖެންޓީނާ އާއި ބްރެޒިލް ވާދަކުރާ މެޗުތައް ކަމަށެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފުޓްބޯޅައިގެ އެންމެ ގިނަ ސްޕަރ ސްޓާރުން ނެރެދީފައި ވަނީ އާޖެންޓީނާ އާއި ބްރެޒިލުންނެވެ. މިދެގައުމުން ފުޓްބޯޅައިގެ ދަނޑަށް ނެރެދީފައިވާ ސްޕަރ ސްޓާރުންގެ ވާހަކަ ދައްކައި ކޮޅުން ނުލާނެއެވެ. ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ މަރަޑޯނާއަކީ މިދެގައުމުގެ ވާދަވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ދެނަމެވެ.
އާޖެންޓީނާ އާއި ބްރެޒިލް މިފަހަރުގެ ކޮޕާ އެމެރިކާގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ފެވަރީޓުންނަކީ ބްރެޒިލް ކަމުގައި ތަޖުރިބާކާރުން ދެކެއެވެ. އެއީ އާޖެންޓީނާއަށްވުރެ ވަރުގަދަ ޑިފެންސް ލައިނަކާއި މެދުތެރެއަށް ބްރެޒިލްގައި އޮތުމުންނެވެ. އާޖެންޓީނާއަށް ކުރި ލިބެނީ ފޯވާޑް ލައިނުން އެކަންޏެވެ.
އެކަމަކު މުބާރާތް ކާމިޔާބު ކުރުމަށް ބްރެޒިލަށްވުރެ ބޮޑަށް ބޭނުންވެފައި އޮތީ އާޖެންޓީނާއެވެ. ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު އެއްފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައި ގިނަބަޔަކު ދެކޭ ލިއޮނަލް މެސީގެ ކެރިޔަރ ނިމުމަކާ ކައިރިވެފައިވާއިރު ގައުމީ ޖާޒީގައި އޭނާއަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވާތީ އެކަން މިފަހަރު ނިންމާލަން މެސީވެސް އަދި އާޖެންޓީނާ ސަޕޯޓަރުންވެސް ބޭނުންވެއެވެ. މީގެ އިތުރުން އެގައުމުގެ އެންމެވަރުގަދަ ފުޓްބޯޅަ ޝަހްސިއްޔަތު ޑިއޭގޯ މަރަޑޯނާއަށްޓަކައި (މިދިޔަ އަހަރު ފަހުކޮޅު މަރަޑޯނާ ވަނީ މަރުވެފައި) މިމުބާރާތުގެ ތަށި އާޖެންޓީނާއަށް ގެންދިޔުމަށް ކުޅުންތެރިންނާއި ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.
ބްރެޒިލް އާއި އާޖެންޓީނާ ކޮޕާ އެމެރިކާގައި އެންމެފަހުން ބައްދަލު ކުރި 5 މެޗުގެ ނަތީޖާ:
2019 (ސެމީފައިނަލް): ބްރެޒިލް 0:2 އާޖެންޓީނާ
2007 (ފައިނަލް): ބްރެޒިލް 0:3 އާޖެންޓީނާ
2004 (ފައިނަލް) ބްރެޒިލް 2-2 އާޖެންޓީނާ (ޕެނަލްޓީ ޝޫޓްއައުޓްގައި ބްރެޒިލް ކުރި ހޯދީ 4-2 އިން).
1999 (ކުއާޓާފައިނަލް): ބްރެޒިލް 2-1 އާޖެންޓީނާ
1995 (ކުއާޓާފައިނަލް) ބްރެޒިލް 2-2 އާޖެންޓީނާ (ޕެނަލްޓީ ޝޫޓްއައުޓްގައި ބްރެޒިލް ކުރި ހޯދީ 4-2 އިން)
ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖޭ ގަޑިން ފަތިހު 5:00 ގައެވެ.