ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަނު ކުރުމަށް ވޯޓަށް އެހުން ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އެގޮތުން އެންއައިސީން ހުސްވެފައިވާ ތިން މަގާމަކަށް މެމްބަރުން އައްޔަނުކުރުމަށް ނަންތައް ދިރާސާކުރި ކޮމިޓީ ރިޕޯޓް ޖަލްސާގައި ހުށައެޅުމަށްވަނީ ހަމަޖެހިފައެވެ.، ކޮމިޓީން ނިންމާފައިވަނީ ތިން މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 17 ނަން ދިރާސާ ކުރުމަށްފަހު ހަތް މީހެއްގެ ނަން ތަޅުމަށް ފޮނުވުމަށެވެ.
މީގެ އިތުރުން އެންއައިސީގެ މެމްބަރުކަމަށް ގާސިމް އަބްދުލްކަރީމް އައްޔަން ކުރަން ފެންނަ ކަމަށް ނިންމާފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓު ވެސް ހޯމަ ދުވަހުގެ ޖަލްސާއަށް ހުށައެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ހުސްވެފައިވާ ތިން މަގާމަށް އައްޔަނު ކުރުމަށް ކޮމިޓީން ރުހުން ދިން ފަރާތްތަކުގެ ތެރޭގައި ހައިލީ ރިކޮމެންޑެޑްގެ ގޮތުގައި ދެ ނަމެއް ވަނީ ފާހަގަކޮށްފައެވެ. އެއީ އާމިނަތު ޝާދިޔާ އަދި އާމިނަތު ޝިއުނާގެ ނަމެވެ. އަދި ރިކޮމެންޑެޑް ގޮތުގައިވެސް ދެ ނަމެއް ފާހަގަކޮށްފައިވެއެވެ. އެއީ އަލީ މުހައްމަދު މަނިކާއި ޝުއައިބް އަބްދުއްރަހްމާންގެ ނަން ހިމެނެއެވެ. ދެން މި ލިސްޓުގައި ހިމެނެނީ ޑރ. އިބްރާހިމް ޝިޔާމް އާއި ހަދީޖާ ނައީމްގެ ނަމުގެ އިތުރުން އަލީ ނިޒާމްގެ ނަމެވެ.
އެންއައިސީން ތިން މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަނުން ތިން މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ މެމްބަރުންނަކީ ކޮމިޝަންގެ ނައިބް ރައީސް ހައްސާން ހަމީދު، މެމްބަރު ހަދީޖާ އަބްދުﷲ ގެ އިތުރުން ކޮމިޝަންގެ މެމްބަރު އަހުމަދު އަމީންއެވެ.
މީގެތެރެއިން ގާސިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލި ބޭފުޅެކެވެ. އެންއައިސީގައި ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް އިއުލާން ކުރުމުން، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީވެސް ގާސިމްގެ ނަމެވެ.