ލެޓިން އެމެރިކާގެ ކޮވިޑް19ގެ ހާލަތު ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ދަނީ އެހީ ވެދެމުންނެވެ. މިއިން ޗައިނާގެ ވެކްސިން ޑިޕްލޮމެސީ ފަނޑުވެގެންދާނެ ކަމަށް ފޮރިން ޕޮލިސީ މަޖައްލާއިން ބުނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ 80 މިލިއަން ވެކްސިން ގައުމުތަކަށް ފޮނުވާނެ ކަމަށެވެ. މީގެ ތެރޭން ކޮލޮމްބިއާއަށް 2.5 މިލިއަން ވެކްސިން ފޮނުވުމަށް ހަމަޖެހިފައި ވެއެވެ. އަދި ޕެރޫއަށް 3 މިލިއަންއާއި ބްރަޒިލްއަށް 1 މިލިއަން އާއި ޕެރަގުއޭއަށް 1.5 މިލިއަންއާއި ހޮންޑިއުރާސްއަށް 1 މިލިއަންއާއި މެކްސިކޯއަށް 1.35 މލިއަން ވެކްސިން ފޮނުވުން ހިމެނެއެވެ.
އެމެރިކާއިން މިވާހަކަތައް އިޢްލާން ކުރުމަކީ، ވެކްސިން ޑިޕްލޮމެސީގައި ޗައިނާއާއި ރަޝިޔާއަށް ވުރެން ފަހަތުގައި އޮތްކަން އެނގޭ ކަމެވެ. ވައިޓްހައުސްގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ބުނާ ގޮތުގައި ލެޓިން އެމެރިކާއަކީ އެމެރިކާގެ ވެކްސިން ޑިޕްލޮމެސީގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ ސަރަހައްދެވެ.
ހުޅަނގުން ބުނާ ގޮތުގައި މޮސްކޯއާއި ބެއިޖިންގ އިން މަސައްކަތް ކުރަމުން ދަނީ ވެކްސިން ދީފައި އޭގެ ފައިދާ ގައުމުތަކުން ހޯދާށެވެ. ޕެރަގުއޭއާއި ހުންޑިއުރާސްއިން ބުނާ ގޮތުގައި ޗައިނާ ވެކްސިން ލިބުމަކީ، ޓައިވާނާ ގުޅުން ކަނޑާލުމަށް ޝަރުތެއް ކަމަށް ބުނެފައި ވެއެވެ. ޗައިނާއިން ބްރެޒިލްއަށް ވެކްސިން އިތުރަށް ދީފައި ވަނީވެސް، ޗައިނާގެ ވާވޭ ބްރަޒިލްގެ ޓެލެކޮމް ދާއިރާއިން ބޭރު ނުކުރާ ޝަރުތުގެ މަތިންނެވެ.
ސެނެޓްގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ ސަދަން ކޮމާންޑްގެ އެޑްމިރާލް ކްރޭގް ފުލަރ ވިދާޅުވީ، ޗައިނާއާއި ރަޝިޔާއިން ވަބާގެ ފައިދާ ނަގައިގެން މެޑިކަލް ޑިޕްލޮމެސީއޭ ކިޔައިގެން އޮޅުވާލުމަށް މަޢްލޫމާތު ފަތުރައި، ނުފޫޒަށް މި ދެގައުމުން މަސައްކަތް ކުރިއެވެ.
މިއާ ޚިލާފަށް، ޗައިނާއާއި ރަޝިޔާގެ ވެކްސިން ނުހޯދާކަށްވެސް އެމެރިކާއިން މިގައުމުތަކަށް އެހީތެރިވެ ޝަރުތެއް ނުކުރެއެވެ.