އިންޑިއަން އައިޑަލް ގެ ހޮނިހިރު ދުވަހުގެ ރޭ ޚާއްޞަވެފައިވަނީ އަންހެނުންނަށެވެ. މި ޝޯގައި ތަފާތު މަސައްކަތްކުރާ ހިތްވަރުގަދަ އަންހެނުން ފެނިގެންދިއެވެ. މި ހުރިހާއެންމެންގެ ތެރެއިންވެސް ބެލުން ތެރިން އެންމެ ބޮޑަށް އަޅައިގަތީ މި ޝޯގައި ބައިވެރިވި ޒުވާން ޖާދޫގަރެވެ. ސުހާނިޝާހު ކިޔާ މި ޖާދޫގަރު އިންޑިއަން އައިޑަލްގެ މިހާރު ލަވަކިޔަމުންދާ ހަތް ބައިވެރިންނަށްވެސް ތާއީދު ކުރެއެވެ. ނަމަވެސް އޭނާ އަށް އެންމެ ރީތީ ޕަވަންދީޕުގެ ލަވަތަކެވެ.

މި ޖާދޫގަރު މިހާތަނަށް 5000 ވުރެ ގިނަ ޝޯ ހުށައަޅާފައިވެއެވެ. އިންޑިއަން އައިޑަލްގެ ހުނަރުވެރި ހުށައެޅުންތެރިޔާ އަދިތިޔަ ނަރަޔަންގެ އެދުމަށް ޒުވާން ޖާދޫގަރު ސުހާނީޝާހު މި ޝޯގައި ޖާދޫ ދައްކާލިއެވެ. އެގޮތުން އެންމެ ފުރަތަމަ ހުރިހާ ބައިވެރިން އަތަށް ގަނޑަކާއި މާކަރެއް ދިނުމަށް އެދުނެވެ. އެއަށްފަހު އޭނާ އަށް ބަލައި އޭނާގެ އަޑު އެހުމަށް އެދުނެވެ. އަދި ކޮންމެ ބައިވެރިއަކުވެސް އަމިއްލަ ޚިޔާލަށް އުފެއްދުންތެރި އެއްޗެއް ކުރެހުމަށް އެދުނެވެ. ޝޯ ހުށަ އެޅުންތެރިޔާ އަދިތިޔަވެސް މި ކުރެހުމުގައި ބައިވެރިވިއެވެ.

އެއަށްފަހަރު ސުހާނީޝާހު އެނބުރެލީ ފަޑިޔާރުންނާ ދިމާއަށެވެ. ފަނޑިޔާރުންގެ ކިބައިން އެދުނީ ކޮންމެވެސް ކަމެއް ޚިޔާލަށް ގެނައުމަށެވެ.

ފަނޑިޔާރުންނަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު އެންމެ ފުރަތަމަ މި ޖާދޫގަރު ބެލީ އަނޫ މާލިކު ޚިޔާލު ކުރި އެއްޗެއް ހޯދުމަށެވެ. އޭނާ ބުނީ އަނޫމާލިކު ޚިޔާލަށް ގެނައީ މިއަހަރު ހިނގި ހާދިސާ އެކެވެ. އަދި އެއީ މިއަހަރު އޭޕްރީލް މަހު ހިނގި ކަމެއް ކަމުގައި ބުނުމުން އަނޫ މާލިކު ހައިރާންވެ އިށީނދެ އިން ގޮނޑިން ތެދުވެ ހިނގައިގަތެވެ. އެއަށްފަހު އެނބުރި އައިސް އިށީނުމުން އެ ޚިޔާލަށް ގެނައި ހާދިސާ އަކީ އޭޕުރީލް 23 ގައި ހިނގި ކަމެއް ކަމުގައި ބުނުމުން ހައިރާން ވީވަރުން ސްޓޭޖަށް އަރައި ސުހާނީޝާހު އަށް އަނޫ މާލިކު ވަރަށް ބޮޑަށް ތަޢުރީފު ކުރިއެވެ.

ދެން މި ޖާދޫގަރު އެނބުރުނީ ޝޯގެ އަންހެން ފަނޑިޔާރު ސޯނޫ ޚިޔާލު ކުރި އެއްޗެއް ހޯދުމަށެވެ. ސޯނޫ ޚިޔާލުކުރީ ޗުއްޓީއެއް ކަމަށް ބުނުމުން އެންމެން ހައިރާންވެ ދެލޯ ބޮޑުވިއެވެ. އެންމެ ބޮޑަށް ހައިރާންވެ ބުނާނެ އެއްޗެއް ނޭނގި އެންމެންނަށް ވެސް އަންގަމަތީގައި އަތް އެޅުނީ ސޯނޫ ޚިޔާލުކުރީ ދިވެހިރާއްޖޭގައި ޗުއްޓީއެއް ހޭދަކުރުމަށް ބުނުމުންނެވެ. ދެން ސުހާނީޝާހު އެންމެންގެ ސަމާލުކަން ހޯދީ ފަނޑިޔާރު ހިމޭޝް ރޭޝަމިޔާ ވަރަށް އޮޅުވާލަން މަސައްކަތް ކުރުމުން ވެސް އޭނާ ޚިޔާލަށް ގެނައީ ލަވައެއް ކަން ބުނުމުންނެވެ. އަދި އެލަވަޔަކީ ކުރީގެ ލަވައެއްކަމާއި އެއީ "އަޖީބު ދާސްތާހުނމޭ ކަހާން ޝުރޫ ކަހާ ޚަތަމް" އޭ ބުނުމުންނެވެ.

އެއަށްފަހު ޖާދޫގަރު ސުހާނީޝާހު އެނބުރެލީ އިންޑިއަން އައިޑަލްގެ ބައިވެރިންގެ ކުރެހުން ތަކަށެވެ. ޕަވަންދީޕު ފިޔަވައި ހުރިހާ ބައިވެރިން ވެސް ކުރަހާފައިވަނީ ގަހެކެވެ. އަދިތިޔަ ނަރަޔަން ވެސް މެއެވެ. ނަމަވެސް ޕަވަން ދީޕު ކުރަހާފައިވަނީ "ސްމައިލީ ފޭސް" އެއް އެތެރޭގައި ލާފައިވާ އިރެކެވެ. އިންޑިއަން އައިޑަލްގެ ބައިވެރިންގެ އިތުރަށް މި ޝޯ ބަލަން ތިބި ބެލުން ތެރިންވެސް ހައިރާންކޮށްލީ ސުހާނީޝާހު ލައިގެން ހުރި ކޯޓު ފުރަހަގަހުން ތިރިކޮށްލައި އޭނާ އަޑިން ލާފައި ހުރި ހެދުން ދައްކާލުމުންނެވެ. އެ ހެދުމުގެ ފުރަގަހުގައިވެސް ވަނީ ޕަންވަންދީޕު ކުރެހި ފަދަ އިރެކެވެ.