ވިންގަރ އެންހެލް ޑިމަރިއާ ކާމިޔާބު ކޮށްދިން ލަނޑުން ބްރެޒިލް 0-1 އިން ބަލިކޮށް ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން މިއަދު ހެނދުނު އާޖެންޓީނާއިން ހޯދައި، ސީނިއަރ ގައުމީ ޓީމާއެކު ބައިނަލްއަގުވާމީ ތައްޓެއް ހޯދުމަށް ކެޕްޓަން ލިއޮނަލް މެސީ ކުރަމުންދިޔަ އިންތިޒާރަށް ފޮނި ނިމުމެއް އަތުވެއްޖެއެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޑިމާރިއާ ލަނޑު ޖެހީ މިޑްފީލްޑަރު ޑިޕައުލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެޑިފެންޑަރުން ކައިރީގައި ވިއްދާފައި ވަނިކޮށް ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ބްރެޒިލްގެ ކީޕަރު އެންޑަސަންގެ ބޯމަތިން ވަރަށް ހިތްގައިމުކޮށް ފޮނުވާލި ޗިޕަކުންނެވެ.

ދެވަނަ ހާފުގައި ބްރެޒިލްއިން ގިނަ ހަމަލާތަކެއް އުފައްދައި ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކަމަކު އާޖެންޓީނާގެ ކީޕަރު މާޓިނޭޒް އާއި ޑިފެންޑަރުން ވަނީ ބްރެޒިލްގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. ދެވަނަ ހާފުގައިވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާޖެންޓީނާއަށެވެ. މެޗް ނިމެން ކައިރިވެފައި ވަނިކޮށް ކެޕްޓަން މެސީއަށް ހުސްކޮށްކަހަލަ ގޮތަކަށް ލިބުނު ފުރުސަތުގައި މެސީ މަސައްކަތް ކުރީ ކީޕަރު އެންޑަސަން ކައިރިން ނައްޓާލުމަށްފަހު ލަނޑު ޖެހުމަށެވެ. އެކަމަކު ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރި މެސީ ނައްޓާލަން ހިފިވަގުތު އެންޑަސަން ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

ޗެމްޕިއަންކަން ލިބުމުން އާޖެންޓީނާ ކުޅުންތެރިން މެސީ އުފުލާލަނީ.

ކްލަބު ލެވެލްގައި ހުރިހާ ތައްޓެއް ހޯދާފައިވާ މެސީއަށް މިކާމިޔާބީއާއެކު އޭނާ އާއި ސަޕޯޓަރުން ދެކެމުން ދިޔަ ހުވަފެން މިވަނީ ހަގީގަތަކަށް ހެދިފައެވެ. މީގެ ކުރިން އާޖެންޓީނާ ގޮވައިގެން ނިކުމެ މެސީ ވަނީ ކޮޕާ އެމެރިކާ ފައިނަލުގައި 2007، 2015 އަދި 2016 ވަނަ އަހަރު ބަލިވެފައެވެ. އަދި މިއާއެކު ތައްޓެއް ކާމިޔާބު ކުރުމަށް ބޮޑެތި ޕްރެޝަރުތެއް އޭނާއަށް ކުރިމަތިވިއެވެ. އަނެއްކޮޅުން މިއީ 1993 ވަނަ އަހަރުގެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއް އާޖެންޓީނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އަމިއްލަ ދަނޑުގައި ކޮޕާ އެމެރިކާ ފައިނަލަކުން ބެރެޒިލް ބަލިވި ފުރަތަމަ ފަަހަރެވެ.

ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މެސީ އާއި ނޭމާ ހޮވިއިރު ގޯލްޑެން ބޫޓް ލިބުނީ މެސީ އާއި ކޮލަމްބިއާގެ ޑިއަޒްއަށެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 4 ލަނޑު ކާމިޔާބު ކޮށްފައެވެ.