ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖާމީލު އަހުމަދު ވިދާޅުވީ މިއަދު 2:00 އަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ހަމަޖެހިފައިވާ ކަމަށާއި ހާޒިރު ކުރަނީ ބަޔާން ނަގައި ސޮއިކޮށްފައިވާ އެއްކަމެއްގައި ކަމަަށެވެ.

”ފުލުހުންގެ ޢަމަލުތަކުން ރައީސް ޔާމީންގެ ޤާނޫނީ ޙައްޤުތަކަށް ގެއްލުންވޭ އަދި ތަޙްޤީޤްގެ އިންޞާފުވެރިކަމަށް ހުރަސްއެޅޭ.” ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ހަނިހިރު ދުވަހު ވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ތުހުމަތުތައް ކޮށް އިތުރު ދައުވާތަކެއްވެސް އުފުލާފައިވެއެވެ.