"އިޓްސް ކަމިންގ ހޯމް" ގެ ހުވަފެނުގައި އިނގިރޭސި ސަޕޯޓަރުން ވަނިކޮށް، ޕެނަލްޓީޝޫޓް އައުޓުގައި އިނގިރޭސިން 2-3 އިން ބަލިކޮށް އިޓަލީން ތަށި ހިފައިގެން ވެރިރަށް ރޯމަށް ހިނގައްޖެއެވެ.

އިނގިރޭސިންގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް އިނގިރޭސިންނެވެ. މިލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރު ލޫކް ޝޯއެވެ. އިޓަލީއަށް ހަމަޖެހި ނުލެވި އުޅެނިކޮށް އިނގިރޭސިން ކާމިޔާބު ކުރި ލަނޑުގެ ސަބަބުން މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި އިޓަލީއަށް މެޗުގެ ތެރެއަށް ވަންނަން އުނދަގޫވިއެވެ. އެކަމަކު އިނގިރޭސިންގެ މެދު ތެރޭގައި ކްރިއޭޓިވް މިޑްފީލްޑަރެއް ނެތުމުގެ ފައިދާ ނަގައި އިޓަލީގެ ތަޖުރިބާކާރު ދެމިޑްފީލްޑަރުން ކަމުގައިވާ މާކޯ ވެރައްޓީ އާއި ބްރެޒިލަށް އުފަން ޖޯޖީނިއޯ މެދު ތެރޭގެ ކޮންޓްރޯލް އަތުލައި އިޓަލީ ހަމައަކަށް އެޅުވިއެވެ.

ދެވަނަ ހާފް ފަށައިގެން މެޗް ޑޮމިނޭޓްކޮށްގެން އިޓަލީން ކުޅެން ފެށުމުން އިނގިރޭސި ޓީމުގެ މެދުތެރަށް ބަދަލުތަކެއް ކޯޗް ގެރަތު ސައުތު ގޭޓް ގެންނާނެކަމަށް ބެލެވުނުނަމަވެސް، ދެންވެސް ފެނިގެންދިޔައީ އިޓަލީން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރުމަށް ކޯޗް މަންޗިނީ މެޗުގެ 54 ވަނަ މިނެޓުގައި މިޑްފީލްޑަރު ނިކޯލާ ބަރެއްލާ އާއި ޗީރޯ އިމްއޯބިލޭ ބާލައި ފޯވާޑް ޑޮމެނިކޯ ބެރާޑީ އާއި މިޑްފީލްޑަރު ބްރިޔަން ކްރިސްޓޭންޓް ކުޅެން އެރުވި ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ އިނގިރޭސިންގެ މެދުތެރެއިން މާގަނޑުތައް ހެދި ކީޕަރު ޕިކްފޯޑާ ހަމައަށް އިޓަލީގެ ނުރައްކާތެރި ހަމަލާތައް އަމާޒުވާން ފެށުމެވެ. މިގޮތުން 62 ވަނަ މިނެޓުގައި ޒުވާން ހުނަރުވެރި ވިންގަރ ޗިއޭސޯ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އިޓަލީން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ކުރީ 67 ވަނަ މިނެޓުގައި ތަޖުރިބާކާރު ޑިފެންޑަރު ބޮނޫޗީ ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ.

އިޓަލީން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓްފަހުން އިނގިރޭސިން ފުރަތަމަ ބަދަލު ޓީމަށް ގެނައެވެ. ޓްރިޕިއާގެ ބަދަލުގައި ހަލުވި ވިންގަރ ސަކާ ކުޅެން އަރުވައި އަރިމަތިން ހަމަލާތައް އުފެއްދޭތޯ މަސައްކަތް ފެށިއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން މިޑްފީލްޑަރު ރައިސްގެ ބަދަލުގައި ހެންޑަސަން ކުޅެން ނެރުނެވެ. އެކަމަކު އިނގިރޭސި ބެންޗުގައި ތިބި ހުނަރުވެރި އެޓޭކިންގ ކުޅުންތެރިންގެ ބަދަލުގައި ހެންޑަސަންފަދަ ޑިފެންސިވް ކުޅުންތެރިއަކު އެރުވުމުން އިނގިރޭސިންނަށް އިޓަލީ މައްޗަށް ކުރި ހޯދިދާނެ ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ.

އިނގިރޭސި ކޯޗް ސައުތު ގޭޓް ސަކާއަށް ހިތްވަރު ދެނީ: ޕެނަލްޓީގައި ބަލިވުމުގެ ޒިއްމާ ނަގާ ކަމަށް ސައުތު ގޭޓް ބުނި.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފް ނިމެން ދަނިކޮށް ޒުވާން މިޑްފީލްޑަރު މޭސަން މައުންޓުގެ ބަދަލުގައި އިނގިރޭސިން ހުނަރުވެރި މިޑްފީލްޑަރު ޖެކް ގްރީލީޝް ކުޅެން އެރުވިއެވެ. މިއާއެކު ފޯވާޑް ހޭރީ ކޭން ކުރިއަށް ޖެހި ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މިދިޔަ ސީޒަނުގައި ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދެއްކި ޖޯޑަން ސަންޗޯ އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑް ކުޅެން އެރުވީ އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ކޯޗް ސައުތު ގޭޓް މިދެކުޅުންތެރިން ނެރުނީ ޕެނަލްޓީ ޝޫޓްއައުޓަށެވެ.

ޕެނަލްޓީ ޝޫޓް އައުޓުގައި އިނގިރޭސިން ޕްރެޝަރަށް ވެއްޓުނީ، އިޓަލީގެ ދެވަނަ ޕެނަލްޓީ އަންދްރޭ ބެލޮއްޓީ ފޮނުވާލުން ޕިކްފޯޑް މަތަކޮށްފައި ވަނިކޮށް އިނގިރޭސިންގެ ތިންވަނަ ޕެނަލްޓީ ކާމިޔާބު ނުކުރެވުމުންނެވެ. އޭރު އިނގިރޭސިން ޖެހި ފުރަތަމަ ދެޕެނަލްޓީ ކެޕްޓަން ހެރީ ކޭން އާއި ޑިފެންޑަރު މަގުއިރޭ ވަނީ ކާމިޔާބު ކޮށްދީފައެވެ. 3-1 އަށް ލީޑް ބަދަލުކޮށްލަން ރަޝްފޯޑު ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޕެނަލްޓީގައި އިޓަލީއަށް އެއްވަރު ކޮށްދިނީ ޑިފެންޑަރު ބޮނޫޗީއެވެ. އިނގިރޭސިންގެ ހަތަރުވަނަ ޕެނަލްޓީ ފޮނުވާލަން ދިޔައީ ސަންޗޯއެވެ. ސަންޗޯ ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ދިފާއު ކޮށްފައި ވަނިކޮށް އިޓަލީގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބު ކޮށް ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ޖޯޖީނިއޯ ދިޔުމުން އިނގިރޭސި ކުޅުންތެރިންނާއި ސަޕޯޓަރުން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ބައިގަރުނަށްފަހު ތައްޓެއް ކާމިޔާބު ކުރުމަށް ލިބުނު ފުރުސަތު އަމިއްލަ ފަސްގަނޑުގައި ލޯކުރިމަތިން ގެއްލިގެންދާތީއެވެ. އިނގިރޭސި ސަޕޯޓަރުން ނޭވާ ހިފަހައްޓާލައިގެން ތިއްބައި، ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ފިކްފޯޑް ހުށިޔާރުކަމާއެކު ދިފާއުކޮށް އިނގިރޭސިންނަށް އުއްމީދު އާކޮށްދިނެވެ. އެކަމަކު ޖެހިގެން އައި ސިކުންތުގައި އިނގިރޭސި ޕްރިންސް ވިލިއަމް އާއި ކުޅުންތެރިންނާއި ސަޕޯޓަރުން ހިތްކުދިކުދިވެ، އިޓަލީ ކޯޗް ރޮބާޓޯ މަންޗިނީ އާއި ކުޅުންތެރިން އުފަލުން ރޮއްވާލީ ބުކަޔޯ ސަކާ ފޮނުވާލި އިނގިރޭސިންގެ ފަސްވަނަ ޕެނަލްޓީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑޮންނަރުއްމާ ދިފާއު ކުރުމުންނެވެ.

ޕެނަލްޓީގައި އިޓަލީގެ ބަތަލަކަށްވި ޑޮންނަރުއްމާ ކޮނޑަށް އުފަލުން އަރައިގެން. ޔޫރޯގެ ތާރިހުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަމައެކަނި ކީޕަރަކީ ޑޮންނަރުއްމާ.

މިއީ އިޓަލީއިން ޔޫރޯގެ ޗެމްޕިއަންކަން އިޓަލީއިން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން އިޓަލީ ޗެމްޕިއަންކަން ހޯދީ 1968 ގައެވެ. އިޓަލީއަށް އަލުން ޔޫރޯ ކާމިޔާބު މިކުރެވުނީ 53 އަހަރު ފަހުންނެވެ. އަދި މިއީ އިޓަލީއިން ކާމިޔާބު ކުރި 6 ވަނަ ބޮޑު މުބާރާތެވެ. އެއީ ޔޫރޯ ދެމުބާރާތާއި 4 ވޯލްޑް ކަޕެވެ. އިޓަލީއަށްވުރެ އިތުރަށް ބޮޑެތި މުބާރާތްތައް ކާމިޔާބު ކޮށްފައިވާ ޔޫރަޕުގެ ހަމައެކަނި ގައުމަކީ ޖަރުމަނެވެ.

އަނެއްކޮޅުން މިއީ އިނގިރޭސިން ޔޫރޯ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އިނގިރޭސިންނަށް ކާމިޔާބު ކުރެވިފައިވާ ބޮޑު ހަމައެކަނި މުބާރާތަކީ އަމިއްލަ ގައުމުގައި 1966 ވަނަ ބެއްވި ވޯލްޑް ކަޕެވެ. ބޮޑު މުބާރާތެއް ކާމިޔާބު ކުރުމަށްފަހު، ބޮޑު އެހެން މުބާރާތެއް ކާމިޔާބު ނުކުރެވި އެންމެ ގިނަ ދުވަސްވެފައިވަނީވެސް އިނގިރޭސިންނަށެވެ.