ކިޔެވެލި ކިޔަވައި ނިމުމާއިއެކު ސަކީނާމެންނާއިއެކު ހަސަންފުޅު ގޭތެރެއަށްވަނެވެ. ހަސަންފުޅަށް ވަދެވުނީ ސިޓިންގރޫމާއި ހިސާބަށެވެ. ކުއްލިއަކަށް ހަސަންފުޅުގެ ކުރިމައްޗަށް އައިސް ޖެހިގަތީ ޒުމްރާއެވެ.“ކަލޭ މިގެއަށް ނުވަންނާތި” ޒުމްރާ ބުންޏެވެ.
“ވަންނާނަން. އަދި ކަލޭގެ ކިބައިން މިރަށްވެސް ސަލާމަތް ކުރާނަން” ހަސަންފުޅު ބުނެލިއެވެ. މިމަންޒަރު ބަލަން ޝަމްއާންގެ މަންމަ އާއި ބައްޕަ ތިއްބެވެ. ޒުމްރާ ކައިރި ޝަމްއާންގެ ދަރިފުޅު ޔަމީން ހުއްޓެވެ. ހަސަންފުޅު އެހުރި ދިމާލަށް ބިންމަތީގައި އިށީނެވެ. ޒުމްރާ ހުރެގެން ތެޅިފޮޅެނީއެވެ. ބަލާކަށް ނުހުރެ ޝަމްއާންގޮސް ހަސަންފުޅު ކަރުގައި ހިފިއެވެ. ހަސަންފުޅަށް ނޭވާލާން ދަތިވާވަރަށެވެ. ޝަމްއާންގެ ބައްޕަ ގޮސް އެދެމީހުން ދުރުކުރިއެވެ.
“މަންމާ މިމީހާ މިގެއިން ނެރޭ! ނޫނީ އަހަރެން މަރުވެދާނެ” ޒުމްރާ އާދޭސް ކުރަމުންދިޔައެވެ.
“ކީއްކުރަން؟ ކުރިން އަހަރެން ހީކުރީ ތިއީ އިންސާނެއް ކަމަށް. މިހާރު އެނގިއްޖެ ތިއީ މިރަށް ހަލާކުކުރާ ޖިންނިއެއްކަން” ސަކީނާ ރުޅިވެރިކަމާއެކު ބުނެލިއެވެ.
“އަހަރެންގެ ފަރާތުން މަންމަމެންނަށް ކޮން އުނދަގުލެއްވީ؟ އެހެންމީހުން ގޮތަށް އަހަރެންވެސް މިއުޅެނީ” ޒުމްރާ ރޯންފެށިއެވެ.
“އޭ! ކޮންމެހެން ރޯނެކަމެއްނެތް. މިގެއިން ނިކުމެގެންދޭ” ޝަމްއާންގެ ބައްޕަ އަމުރުކުރިއެވެ.
ޝަމްއާން ގޮސް ޒުމްރާގެ ގައިގައި ބައްދާލިއެވެ. ޝަމްއާން ދުރުކުރުމަށް ސަކީނާ މަސައްކަތް ކުރަމުންދިޔައެވެ. އެމަންޒަރު ބަލަން ޒުމްރާގެ ގާތުގައި ޝަމްއާންގެ ދަރިފުޅު ޔަމީން ހުއްޓެވެ.
“އޯކޭ. އަހަރެން މިދަނީ. އަދި އަހަރެން މަރާވެސްލެވިދާނެ. އެކަމަކު އަހަރެންގެ އާއިލާއިން އެކަމުގެ ބަދަލު ހިފާނެ”
“ބޭކާރު އަނގަ ނުތަޅާ ދެން ދާންއުޅޭ” ސަކީނާ އަނެއްކާވެސް ބުނެލިއެވެ.
“މަންމާ.. އަހަރެންގެ ބަނޑުގައި ޝަމްއާންގެ ދަރިއެއްވެސް އެބައޮތް” ޒުމްރާ މަރުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. ޒުމްރާ އެހެން ބުނުމާއިއެކު ސަކީނާ ޖެހިލުންވިއެވެ.
” ކޮން ދަރިއެއް؟ އަހަރެމެން ޖިންނި ދަރިއެއް ބޭނުމެއްނޫން ” ޝަމްއާންގެ ބައްޕަ ރުޅިގަދަވިއެވެ. އެއިރުވެސް ހަސަންފުޅު ކިޔެވެލި ކުރިއަށް ގެންދިޔައެވެ.
” ބައްޕާ ! މަގޭ ދަރިވެސް މަރާލަންތަ ތިޔައުޅެނީ؟ ” ޝަމްއާންވެސް ރޯންފެށިއެވެ.
ދެން ފެނުނީ އަލިފާންގަނޑެއް ރޯވިހެން ރޯވެފައި ޒުމްރާ ގެއްލުނުތަނެވެ. ހަމައެއާއިއެކު ޝަމްއާންވެސް ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. އެންމެން ވެގެން ޝަމްއާން ނަގައިގެން ގޮސް ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. އެއިރު ކޮޓަރިތެރެވަނީ އެފުށްމިފުށަށް ޖަހައިފައެވެ. ޝަމްއާން ހޭވެރިކަންވޭތޯ ހަސަންފުޅު މަސައްކަތް ކުރަމުންދިޔައެވެ.
” ކޮބާ ދެން މިކަންވެސް މިނިމުނީދޯ؟ ” ޝަމްއާންގެ ބައްޕަ ހަސަންފުޅާއި ސުވާލުކުރިއެވެ.
” އާނ.. އެކަމަކު އަދިވެސް ބިރުއެބައޮތް. ސަބަބަކީ އެނާ އެބުނާ ކުއްޖާ ދުނިޔެއަށް އުފަންވެއްޖެއްޔާ ބަދަލުހިފާފާނެތީ ” ހަސަންފުޅު ބުނެލިއެވެ.
” އެކުއްޖާވެސް މަރަމާ؟ ” ޝަމްއާންގެ ބައްޕަ ރަހުމްކުޑަކަމާއިއެކު ބުންޏެވެ.
ދެން އެކަމާއި ނުވިސްނުމަށްބުނެ ޝަމްއާންއަށް ހޭވެރިކަންވުމުން ހަސަންފުޅު ގެއަށްދާން ހިނގައިގަތެވެ. ހަސަންފުޅު ދިއުމާއިއެކު ޝަމްއާން ރޯންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އެހާ ލޯބިންކުރި ކައިވެނި ރޫޅައިލީތާއެވެ.
” މަންމާ.. އެއީ ޖިންނިއެއް ކަމަކު ޒުމްރާ ކިހާ ރަނގަޅު ” ޝަމްއާން އޭނާގެ މަންމައަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. އެވަގުތު ޝަމްއާންގެ މައިންބަފައިންގެ ހިތުގައި އެއްވެސް ކަހަލަ ކުލުނެއް ރަހުމެއް ހަމްދަރުދީއެއް ނެތްކަހަލައެވެ.
” ހެޔޮ ޖިންނިއެއްވިޔަސް އިންސާނެއްވިޔަސް. ދެން ޒުމްރާއަކަށް ލާހިކެއްނޫން މިގެއަށް ކީއްކުރަން.. މިދުނިޔެއަށްވެސް އަންނަން ” ސަކީނާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.
ހެނދުނު އިރުއެރި އިރު މުޅިރަށުގައި އޮތީ އެނާމާންކަމުން އެރަށް ސަލާމަތްވިވާހަކައެވެ. މުޅި ރަށުގައިވެސްވަނީ އުފާވެރިކަމެވެ. ރޭގަނޑު އެކަނި ގެއިން ބޭރަށް ނިކުމެލުމުގެ އުފާ ދުވަސްތަކަކަށްފަހު ވަނީ ލިބިފައެވެ. އެހުރިހާ ޝުކުރެއް އެމީހުން އަދާކުރަނީ ހަސަންފުޅަށެވެ. ހަސަންފުޅު އެކުރި ހިތްވަރު ނުކުރިނަމަ މިދުވަހެއް ނައިހެވެ.
ދުވަސްތަކަކަށްފަހު ހަސަންފުޅު އެރަށް ދޫކޮށް ފުރަން އޮތް ދުވަހެވެ. ރަށުގެ ކުދިބޮޑު އެންމެން ތައްޔާރުވަމުން ދިޔައީ ހަސަންފުޅަށް އަލްވަދާޢު ކިޔުމަށެވެ. އަތިރިމަތީގައި ރަށުގެ ރައްޔިތުން އެތުރިލައިގެން ތިބިއިރު ހީވީ ދަޢުލަތުގެ އިސްބޭފުޅަކު ވަޑައިގަންނަވަން އުޅޭހެންނެވެ. ހަސަންފުޅު ދޯންޏަށް އެރިއިރު ރަށުގެ ރައްޔިތުންގެ ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. ހަސަންފުޅު އެރަށަށް އެކޮށްލަދިން ކަންތައް އެރަށުގެ މީހުންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ހަސަންފުޅު ފުރުމާއި އެކު ކުދިބޮޑު އެންމެން އެމީހުންގެ ގެއަށް ހަސަންފުޅަށް ޝުކުރުވެރި ހިތަކާއިގެންނެވެ. ކުރިން އެމީހުން އުޅެމުންދިޔަ ދިރިއުޅުމަށް ރުޖޫޢަވެވޭތީ އެކަމާއި އުފަލުންނެވެ.
ދުވަސްތަކަކަށްފަހު ރަށުގައި އޮތް އުފާވެރިކަން އަނެއްކާވެސް ގެއްލި ބިރުވެރިކަމަކަށް ބަދަލުވާންފެށީ ބައެއް މީހުންނަށް ރަށުގެ އެކި ދިމަދިމާލުން ގޮތްނޭނގޭ ކުޑަކުއްޖެއް ފެންނަން ފެށުމުންނެވެ. އެކަމަކު ރަށުގައި އެއްވެސް ކަހަލަ ނާމާންކަމެއް ނެތެވެ. އެބުނާ ކުޑަކުއްޖާގެ ފަރާތުންވެސް އެއްވެސް މީހަކަށް ގޯނާއެއް ނުވެއެވެ. އެހެންކަމުން ރަށުގެ ބައެއް މީހުން އެކަމެއް ޤަބޫލެއްނުކުރިއެވެ. ސަބަބަކީ އެބުނާ ކުޑަކުއްޖާ ފެންނަނީ ވަކި ބަޔަކަށް ވަކި ގަޑިތަކެއްގައި ކަމަށްވާތީއެވެ. އަދި އެކުޑަކުއްޖާގެ ފަރާތުން އެއްވެސް މީހަކަށް ގޯނާއެއް ނުކުރުމަކީވެސް ބައެއް މީހުންނަށް އެކަން ޤަބޫލުކުރަން ދަތިވި ސަބަބަކަށެވެ. އަދި ހަސަންފުޅު އެހާ ޔަގީންކަންދީފައި އޮއްވާ އެކަހަލަ ކަމެއް ނުހިގާނެކަމަށް އެމީހުން ދިޔައީ ޤަބޫލުކުރަމުންނެވެ. އެބުނާ ޖިންނި ޒުމްރާ އަވަލައިގެން އުޅުނު ޝަމްޢާން ވެސް މިހާރުވަނީ ހަމައަކަށް އެޅިފައެވެ. އެއާއިލާއާއި ރަށުގެ ރައްޔިތުންނާ އަދިވެސް ގުޅުން އޮވެއެވެ.
ހުކުރުދުވަހުގެ ހަވިރު ވަގުތެވެ. ސަކީނާ އިނީ ޝަމްއާންގެ ދަރިފުޅު އުރާލައިގެން ބޭރު ޖޯލިފަތީގައެވެ. އެހެންދުވަސް ދުވަހާއި ޚިލާފަށް މިއަދު ޝަމްއާންގެ ދަރިފުޅު ޔަމީން ހަލަބޮލިކަން ސަކީނާއަށް ފާހަގަކުރެވުނެވެ. އެހެންދުވަސްދުވަހާއި ޚިލާފަށް މިއަދު މާ އުފާވެފައި ހުރިތަން ސަކީނާ ދުއްޓެވެ. އެކަމާއި ސަކީނާ ވަރަށް އުފާވިއެވެ. ނަމަވެސް ޔަމީން ބޭނުންވަނީ އެކަނި އުޅުމަށެވެ. ޔަމީން އާއި އެއްވެސް މީހަކު ބައިވެރިވުމަށް އެނާ ބޭނުމެއްނުވެއެވެ. އެކަނި ހުރެ ވާހަކަ ދެއްކުމާއި ހުނުން މިއީ މިއަދު ޚާއްސަ ކަމެކެވެ. ޝަމްއާންވެސް ގޯތިތެރެއަށް ނިކުމެ ދަރިފުޅުގެ މަޖަލުގައި ބައިވެރިވިއެވެ.” މިހާރު އިރުއޮއްސެނީ. އާދޭ އެތެރެއަށް. މަންމަވެސް މިދަނީ ޔަމީން ގޮވައިގެން ގޭތެރެއަށް ” ސަކީނާ ގޭތެރެއަށްދާން ހިނގައިގަތެވެ.
” ވަރަށް ނަލަ ވައިރޯޅިއެއް އެބަޖެހޭ. އެހެންވީމާ އިރުކޮޅަކުން ދާނަން ” ޝަމްއާން މަންމައަށް ޖަވާބު ދިނެވެ. ޝަމްއާން އަށް އެވައިރޯޅީގެ އަރާމުކަމުން ލޯމެރުނެވެ. ނިދާލަން ބޭނުންވިއެވެ. ނަމަވެސް ޝަމްއާން ސިއްސައިގެން ދިޔައީ ޔަމީން ގޮވާލި އަޑަށެވެ. އަވަހަށް ތެދުވެ ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ހީވިގޮތެއްކަމަށް ބަލައި އަނެއްކާވެސް ޖޯލީގައި އިށީނެވެ. ދެވަނަ ފަހަރަކަށްވެސް ޝަމްއާން ސިއްސައިގެން ދިޔައީ ކައިރީގައި މީހަކު އުޅޭހެން ހީވެގެންނެވެ. އަވަހަށް ތެދުވެ ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ޝަމްއާން އަވަސްވެގަތީ ގޭތެރެއަށް ވަނުމަށެވެ.
” ޝަމްއާން މަޑުކޮށްބަލަ ” ޝަމްއާން ހުއްޓުނީ ޒުމްރާގެ އަޑު ޝަމްއާންގެ ކަންފަތުގައި ޖެހުމުންނެވެ. ޝަމްއާން ފަހަތަށް އެނބުރި ބަލައިލިއިރު ޒުމްރާ އާއި ކުޑަކުއްޖަކު ޝަމްއާން އާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ޝަމްއާން ދުވެފައި ކަހަލަ ގޮތަކަށްގޮސް އެކުޑަކުއްޖާ އުރައިލިއެވެ.
” ތިއީ ޝަމްއާންގެ ދަރިއެއް. އަހަރެން މަރުވިއަސް ދަރިފުޅު ބަލައިދޭތި ” ޒުމްރާ ޝަމްއާންއާއި ވާހަކަ ދެއްކިއެވެ.
އެވަގުތަކީ ސަކީނާވެސް ބޭރަށްނިކުތް ވަގުތެވެ. ސަކީނާ އަންނަނީ ޝަމްއާންމެންނާއި ދިމާލަށެވެ.
” އަހަރެން ދަނީ. އެކަމަކު ދަރިފުޅު އަބަދުވެސް މިގޭގައި ހުންނާނެ ” ޒުމްރާ ދާން އަވަސްވެގަތެވެ.
” މަޑުކޮއްބަލަ ” ޝަމްއާން ޒުމްރާ ހުއްޓުވޭތޯ ބެލިއެވެ.
” ދެން ދަނީ. އެކަމަކު ކޮންމެ ރެއަކު އަހަރެން އަންނާނަން ” އެހެން ބުނެފައި ޒުމްރާ ގެއްލުނެވެ.
ސަކީނަ އައިސް ޝަމްއާން ގޮވައިގެން ގޭތެރެއަށް ވަނެވެ. އެއިރު ޝަމްއާންގެ ލޯ ހުއްޓިފައިހުރީ ގޯތިތެރޭގައި ހުރި ޖޯލިފައްޗާއި ދިމާލަށެވެ.
” ހާދަ ހޫނޭ މިރޭ. އަންނާނަން ޖޯލިފަތީގައި އޮށޯވެލާފައި ” ޝަމްއާން ބޭރަށްދާން ހިނގައިގަތެވެ.
” ނޫނޭ މިހާރު އިރުއޮއްސުނީ. ދެންދާނެކަމެއްނެތް ” ސަކީނާ ބުނެލިއެވެ.
” އަދިވެސް މަންމަ ހީކުރަނީ އަހަރެން މިއީ ކުޑަކުއްޖެއްކަމަށްދޯ ” ޝަމްއާން ޖަވާބު ދިނެވެ. ޝަމްއާން ދިޔަގޮތަށްގޮސް ޖޯލިފަތީގައި އޮށޯތެވެ. މަންމަ ބުނާ އެއްޗެއް އަޑުނީވޭ ކަހަލައެވެ. ނުވަތަ އަޑުއަހަން ބޭނުންނުވާ ކަހަލައެވެ. ޝަމްއާން ގޯތިތެރެއަށް ނިކުތުމުން ސަކީނާ އެކަމާއި އަޅައެއްނުލިއެވެ. ޝަމްއާން ގޮސް ޖޯލިފަތީގައި އޮށޯވެލިތަނާހެން ޒުމްރާވެސް އައިސް އިށީނެވެ. ޒުމްރާއާއި އެކީގައި ދަރިފުޅުވެސް އައެވެ.
” ހާދަ އަވަހަށް ތިއައީ ” ޝަމްއާން ޒުމްރާއާއި ސުވާލުކުރިއެވެ.
” އާނ. އަހަރެމެންނަށް ކެތެއް ނުކުރެވެޔޭ ކަލޭމެން އިންސާނުން ކެތްކުރާ ވަރަށް ” ޒުމްރާ ޖަވާބު ދިނެވެ.
” ކޮބާ ކޮންނަމެއް އަހަރެންގެ މިދަރިފުޅަށް ކިޔަނީ؟ ” ޝަމްއާން ސުވާލުކުރިއެވެ.
” ނަޒާހާ. މިއީ އަންހެން ކުއްޖަކަށް ކިޔަން ކިހާ ރީތިނަމެއްދޯ ” ޒުމްރާ ހީލިއެވެ.
ޝަމްއާން އުފަލުންގޮސް ދަރިފުޅު ގައިގައި ބައްދައިލިއެވެ. ނަމަވެސް އެއުފާވެރިކަމަށް ނިމުމެއް ގެނައީ ސަކީނާގެ އަޑުންނެވެ.
” އެކަނި އިނދެގެން ކޮންވާހަކައެއްތަ ތިދައްކަނީ؟ ” ސަކީނާ ބުނެލިއެވެ.
” އަހަރެންގެ ފެމެލީއާއި ” ޝަމްއާންއަށް ބޭއިޚްތިޔަރުގައި ބުނެލެވުނެވެ.
” މިތާ ނެތެއްނު އިތުރުބައެއް ” ސަކީނާ އަނެއްކާވެސް ބުނެލިއެވެ.
އެވަގުތު ޒުމްރާއާއި ދަރިފުޅު ނަޒާހާ ޖޯލިފަތީގައި ތިއްބެވެ.
” މަންމައަށް ހީވަނީ ދަރިފުޅު އަނެއްކާވެސް ކުޅިގަނޑެއް ކުޅޭހެން ” ސަކީނާ ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.
” މަންމައަށް އަބަދުވެސް ހީވާނީ ތިހެން ” ޝަމްއާން ނޫންކަމަށް ހެދުނެވެ.
” އާދޭ ދެންވެސް ގޭތެރެއަށް. އެހެންނޫނީ ޖިންނި އަނެއްކާވެސް އަވަލަފާނެ ” އެހެން ބުނެފައި ޝަމްއާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޝަމްއާން ދާން ހިނގައިގަތުމާއިއެކު ޒުމްރާވެސް ޝަމްއާންގެ އަތުގައި ހިފެހެއްޓިއެވެ.
” ދާނެކަމެއް ނެތް ” ޒުމްރާ ޝަމްއާން ދިޔަ ނުދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. ސަކީނާ ޝަމްއާންގެ އަތުގައި ހިފައިގެންގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ޒުމްރާއަށް ހުރީ ރޮވިފައެވެ. ޝަމްއާން ބޭރަށް ނިކުމޭތޯ ޒުމްރާ އިރުކޮޅަކު މަޑުކޮށްލިއެވެ. ނަމަވެސް ޝަމްއާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. ޒުމްރާ މާޔޫސްވެ އިންސާނުން މަތިން ފޫހިވިއެވެ. ނަމަވެސް ކުރާނި ކީއްހެއްޔެވެ. ޒުމްރާގެ ގާތުގައި ހުރީ އިންސާނެއްގެ ދަރިއެކެވެ. ކޮންމެގޮތެއް ވިއަސް ދަރިފުޅު ބައްޕައާއި ދުރުކުރާކަށް ޒުމްރާ ބޭނުމެއްނުވިއެވެ.
( ނުނިމޭ )