މާލޭ ސިޓީ ކައުންސިލުން މާފަންނު ބޮޑުގޭގައި ތަރައްޤީކުރި ޕާކިންގ ޒޯން މިއަދު ހަވީރު ހުޅުވައިފިއެވެ.

ޕާކިންގް ޒޯން ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ބޮޑުގޭ ޕާކިންގް ޒޯނަކީ ސައިކަލްތަކަށް ޚާއްޞަކޮށްގެން ތަރައްޤީކުރެވުނު 175 ސައިކަލްގެ ޖާގަ އޮތް ޕާކިންގް ޒޯނެކެވެ. މި ޒޯނަށް ވަދެވޭނީ ހަނދުވަރީ ހިނގުމުންނެވެ.

ބޮޑުގޭގައި ތަރައްޤީކުރެވުނު ޕާކިންގް ޒޯން ހުޅުވުމުން އެ ސަރަޙައްދުގައި އޮންނަ ހަނިގޯޅިއެއްކަމަށްވާ ދަކަނދާ މަގުގައި ޕާކްކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކޮށް ދަކަނދާ މަގުގައި ޕާކްނުކުރެވޭގޮތަށް ހަމަޖެއްސުމަށްވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން ބުނީ ބޮޑުގޭ ޕާކިންގް ޒޯނަކީ ތަން ޒީނަތްތެރިކުރުމަށް ޒުވާނުންގެ ހުނަރު ފެންނަގޮތަށް އެތަނުގެ ފާރުތަކުގައި ކުރަހައި ޒީނަތްތެރިކުރެވިފައިވާ ޕާކިންގ ޒޯނެއް ކަމަށެވެ.

ސިޓީ ކައުންސިލުން މަސައްކަތްކުރަމުންދަނީ މާލޭގެ ޕާކިންގް މައްސަލައަށް ހައްލެއްގެނެސް މަގުތަކުގައި ހިނގާބިނގާވާ މީހުނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ މަގުތަކެއް ޤާއިމްކުރުމަށެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިން ޒޯންތައް ތަރައްޤީކުރަމުންގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ. މިހާރުވެސް އަގު ދީގެން ޕާކްކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން 6000 އަށްވުރެ ގިނަ ވެހިކަލްތައް މަގުމަތިން ނަގައި ޕާކިންޒޯންތަކަށް ވަނީ ވެއްދިފައެވެ.