ދެކުނުގެ އެކިހިސާބަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިއްސާޜަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ހޯމަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ދެކުނާ މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށިގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ އެއިދާޜާއިން ބުނެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.