އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ހަ ދައުވާގެ އަޑުއެހުން މިއަދުވެސް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފި އެވެ.

ނިހާންގެ މައްސަލައިގައި އަޑުއެހުމެއް ތާވަލުކުރީ މިއަދު ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް ނިހާންގެ ވަކީލުންގެ އެދުމަކަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

އެ މައްސަލަތަކުގައި އެންމެ ފަހުން ތާވަލު ކުރި ތިން އަޑުއެހުން ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި މައްސަލައާ ގުޅިގެން ވަކިގޮތެއް ކަނޑައަޅަންދެން ނިހާންގެ ޕާސްޕޯޓްވަނި ހިފަހައްޓާފައެވެ.