ކޯވިޑް19ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ބީއެމްއެލްއިން 384 ވިޔަފާރިއަކަށް ލޯނު ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 384 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.

މިއީ ޖުމްލަ 544 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްއަށް 579 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާ އޭގެތެރެއިން 410 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. ލޯނަށް އެދުނު ފަރާތްތަކުގެ ތެރެއިން 16 ފަރާތެއްގެ ފޯމު ބާތިލްކޮށްފައިވާއިރު، 18 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.