ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުގެ އެގްރިމެންޓުތަކުގައި ސޮއިކުރަން މިއަދު ފަށައިފިއެވެ.

އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރާނެ ތަރުތީބު އާއްމުކޮށް ވަނީ އިއުލާންކޮށްފައި އެވެ.

އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދު ސޮއިކުރަން ހަމަ ޖެހިފައިވަނީ ޓަވަރު H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 119 މީހަކާއެކު އެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލު ހޯލްގައި އެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކޮށްފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފޯމު ނަންބަރު: HF1 (ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ޖެހޭނެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކްޕެޑް" އަމިއްލައަށް ގެނައުމަކީ އެދެވިގެންވާ ކަމެއް
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށްވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި