ޚަލީފާ ހާރޫނުއްރަޝީދުގެ ޚިލާފަތުގެ ދުވަސްވަރު، ޢިރާޤުގައި "ބަހުލޫލު" ނަމަކަށް ކިޔާ މޮޔަ މީހަކު އުޅުނެވެ. އެއްދުވަހަކު، ޚަލީފާ ރަށުތެރެއަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް، ޤަބުރުސްތާނެއްގެ ތެރޭގައި ބަހުލޫލު އިށީނދެ އިންތަން ފެނިވަޑައިގެން ވިދާޅުވިއެވެ: [އޭ، ބަހުލޫލުއެވެ! އޭ، މޮޔަޔާއެވެ! ކަލެއަށް ވިސްނޭނީ ކޮންއިރަކުންހެއްޔެވެ؟]
ޚަލީފާ މިހެން ވިދާޅުވުމާއެކު ބަހުލޫލު ދުވެފައި އެ ދިޔަގޮތަށް ގޮސް، އެތާނހުރި ގަހެއްގެ އެންމެ މައްޗަށް އަރާއޮވެ، ޚަލީފާއާ މުޚާޠަބުކޮށް ބުންޏެވެ: [އޭ، ހާރޫނެވެ! އޭ މަޖުނޫނެވެ! މަނިކުފާނަށް ވިސްނިވަޑައިގަންނަވާނީ ކޮންއިރަކުންތޯއެވެ؟]
މިއަޑު އައްސަވާފައި، ޚަލީފާ އަސްމަތީގައި އިންނަވައިގެން އެ ގަސްދޮށަށް ވަޑައިގެން ބަހުލޫލަށް ވިދާޅުވިއެވެ: [މޮޔައަކީ ތިމަން މަނިކުފާނުހެއްޔެވެ؟ ނޫނީ، ފަޅު ޤަބުރުސްތާނުގައި އިށީނދެއިން ބަހުލޫލު ހެއްޔެވެ؟]
ބަހުލޫލު ބުންޏެވެ: [ދެމީހުންގެތެރެއިން ބުއްދިވެރިއަކީ ތިމަންނާކަން ކަށަވަރެވެ.]
ޚަލީފާ ވިދާޅުވިއެވެ. [އެއީ ކިހިނެތްހެއްޔެވެ؟]
ޖަވާބުގައި ބަހުލޫލު ބުންޏެވެ: [މަނިކުފާނު ދުނިޔެއިން ފަނާވެގެން ވަޑައިގަންނަވަން އޮތް ޤަބުރުސްތާނު އާބާދު ކުރެއްވުމުގެ ބަދަލުގައި، ތިޔަ އާބާދުކުރައްވަނީ ފަނާވެ ނެތިގެންދާނެ ބޮޑެތި ގަނޑުވަރުތައް ނޫންތޯއެވެ؟ ވީއިރު، ދެމީހުންގެތެރެއިން މޮޔައީ ކާކުތޯއެވެ؟]
ބަހުލޫލުގެ މި ވާހަކަ އައްސަވާފައި ޚަލީފާގެ ހިތްޕުޅު ބިރުން ވިރިގެން ދިޔައެވެ. އަދި ތުނބުޅިފުޅު ތެމޭވަރަށް ކީރިތި ކުރެއްވުނެވެ. އެއަށްފަހު ވިދާޅުވިއެވެ. [ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިބާ ތިޔަބުނީ ތެދެކެވެ. އޭ، ބަހުލޫލުއެވެ! ތިބާގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދާށެވެ!]
ބަހުލޫލު ދެންނެވިއެވެ: [ﷲ ގެ ފޮތް، މަނިކުފާނަށް ފުދެއެވެ. އެ ފޮތުގައި ގަދައަށް ހިފަހައްޓަވާށެވެ!]
ޚަލީފާއަށް ބަހުލޫލުގެ މި ނަޞީޙަތުގެ މަތިވެރިކަން ވިސްނިވަޑައިގަތުމުން، އޭނާއަށް އެ ނަޞީޙަތަށް ފުދޭވަރުގެ ރަނގަޅު ހަދިޔާއެއް ދެއްވަން ޤަޞްދުކުރައްވައި ވިދާޅުވިއެވެ: [ތިބާ އެދޭ އެއްވެސް ކަމެއް އޮތްނަމަ ބުނާށެވެ! ތިމަން މަނިކުފާނު އެކަމެއް ފުއްދަވައިދެއްވާހުށީމެވެ.]
އެހިނދު ބަހުލޫލު ދެންނެވިއެވެ: [އާދޭހެވެ! އަޅުގަނޑު މަނިކުފާނުގެ އަރިއަހުން ތިންކަމަކަށް އެދި ދަންނަވަން ބޭނުމެވެ. އެ ތިންކަން ކޮށްދެއްވައިފިނަމަ މަނިކުފާނަށް ޝުކުރުވެރި ވާނަމެވެ.]
ޚަލީފާ ވިދާޅުވިއެވެ: [އަވަހަށް އެދޭށެވެ!]
އެހިނދު ބަހުލޫލު ދެންނެވިއެވެ: [އެންމެ ފުރަތަމަ އެދުމަކީ، ތިމަންނާގެ ޢުމުރު ދިގުކޮށްދެއްވުމެވެ.]
ބަހުލޫލުގެ މި އެދުމާ ގުޅިގެން ޚަލީފާއަށް، އެ މަނިކުފާނުގެ ނުކުޅެދުންތެރިކަން ވިސްނިވަޑައިގެން، ކަންބޮޑުވެވަޑައިގަތުމާއެކު ވިދާޅުވިއެވެ: [ތިޔައީ ތިމަން މަނިކުފާނަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.]
ބަހުލޫލު ދެންނެވިއެވެ: [ ތިމަންނާގެ ދެވަނަ އެދުމަކީ، މަލަކުލްމައުތުގެ ކިބައިން ތިމަންނާ ސަލާމަތްކޮށް ދެއްވުމެވެ.]
ޚަލީފާ ޖަވާބުގައި ވިދާޅުވިއެވެ: [ތިޔަ ކަމުގެ ކުޅަދާނަކަމެއްވެސް ނުވެއެވެ.]
ދެން ބަހުލޫލު އޭނާގެ އެންމެ ފަހުގެ އެދުން ހުށައަޅަމުން ދެންނެވިއެވެ: [ތިމަންނާ ނަރަކައިން ސަލާމަތް ކޮށްދެއްވައި ސުވަރުގެއަށް ވައްދަވައިދެއްވާށެވެ!]
ޚަލީފާ މިއަށްވެސް ދެއްވީ ކުރީގައިވެސް ދެއްވި ޖަވާބެވެ. [ތިޔަ ކަމުގެ ކުޅަދާނަކަމެއް ނުވެއެވެ.]
މިހިސާބުން ބަހުލޫލު އޭނާގެ ފަހުބަސް ޚަލީފާއަށް އިއްވާލަމުން ދެންނެވިއެވެ: [އޭ ޚަލީފާއެވެ! ތިޔަ ދެއްވި ޖަވާބުތަކުން އެނގުނީ، މަނިކުފާނަކީ އަޅެއްކަމެވެ. ރަސްކަލެއް ނޫންކަމެވެ. ވީއިރު، މަނިކުފާނުގެ އަރިހުން އަޅުގަނޑު އެދޭނެ އިތުރު އެދުމެއް ނެތެވެ.]
މިއީ ޙަޤީޤަތުގައިވެސް ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އަޅުގަނޑުގެ ދުޢާއަކީ އިސްލާމީ އުއްމަތުގެ ވެރިންނަށާއި، ރައްޔިތުންނަށް، މޮޔަ ބަހުލޫލު، ޚަލީފާއަށް އެރުވި މެސެޖުން ޢިބްރަތް ޙާޞިލްކުރުމުގެ ތައުފީޤް މިންވަރުކުރެއްވުމެވެ. އަދި، ދުނިޔަވީ އެދުންތައް ކަމުގައިވާ، ވެރިކަމާއި ޢިއްޒަތާއި ޝަރަފާއި މަޤާމާއި ޖާހާއި މުދަލަކީ ދާދި އަވަހަށް ބީވެގެން ހިނގައިދާނެ އެއްޗެއްކަމާއި، ދެމިހުންނަނިވި ކަންތައްތަކަކީ، ﷲ ތަޢާލާއަށްޓަކައި ކުރެވޭ ހެޔޮ ޢަމަލުތައްކަން ހަނދާންކޮށް އެކަމަށް ގަދައަޅައި މަސައްކަތް ކުރާ އަޅުންގެތެރެއިން އަޅަމެން ލެއްވުމެވެ. އާމީން!