ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބަންގްލަދޭޝްގެ ސަފީރަށް ނައިބް ރައީސް ފައިސަލް ނަސީމް ދެއްވައިފިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ މެދުގައިވާ ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި ގިނަ ޢަދަދަކަށް ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅެމުންދާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާކަމުގައި ވިދާޅުވެ ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބަންގްލަދޭޝްގެ ސަފީރަށް ދެއްވާފައެވެ.

އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަލުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގައި ބަންގްލަދޭޝް ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ބަންގްލަދޭޝްގެ ސަފީރު ވަނީ ކޯވިޑް-19 ގެ މި ބަލިމަޑުކަމުގެ ޙާލަތުގައި ވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރާއްޖޭގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.