އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފަޅާ އަރުވާލި ޤާސިމް ޢަބްދުލްކަރީމާއި އިތުރު 3 މީހަކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޤާސިމާއިއެކު އެންއައިސީއަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އާމިނަތު ޝާދިޔާ، އާމިނަތު ޝިއުނާގެ އިތުރުން ޝުއައިބް އަބްދުއްރަހުމާނަށެވެ.

އެންއައިސީގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެމަޤާމުގައި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޭނާ މަޤާމުން ވަކިކޮށްފައިވުމުންނެވެ. އަދި އިތުރު ތިން މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދާ، މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާތިއެވެ.

ޤާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުންނަވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.