މައުލޫމާތުގެ ރަސްމަގުގައި ދެމުންދާ ހަމަލާތަކާއި، މަގުފޭރުމުގެ އަމަލުތަކުގެ ސަބަބުން ގައުމުތަކަށް އިންތިހާއަށް ނުރައްކާވެފައި ވެއެވެ. ޓައިވާނަށް ދަނީ ގިނަ ހަމަލަތައް އަމާޒުވަމުންނެވެ. މަހެއްގެ މައްޗަށް ވިއްސާއި ތިރީސް މިލިއަން ޙަމަލަ އަމާޒު ކުރެވޭކަމަށް ޓައިވާނުން ބުނެއެވެ. ސަރުކާރު އިދާރާތަކާއި ވިޔަފާރިތަކަށް ހަމަލަތައް އަމާޒު ކުރެވެމުން ދެއެވެ.

މަޢްލޫމާތުގެ ރަސްމަގުގައި ބޭނުންކުރާ ހާރްޑްވެއަރއާއި ސެމީކޮންޑަކްޓަރޒްއަކީ ޓައިވާނުން އުފައްދާ ސާމާނެވެ. އެމެރިކާގެ ދިފާއީ ދާއިރާތަކާ ގާތް ގުޅުމެއް ބާއްވައި އެފަރާތްތަކަށް ބޭނުންވާ ސާމާނުތައްވެސް ޓައިވާނުން އުފައްދައެވެ. އެހެންވެ، ޓައިވާނުން ގެންގުޅޭ ސިއްރުތަކަކީ އަގު ހުރި ސިއްރުތަކެކެވެ.

ޓައިވާނާ އެއްވަރަކަށް އިންޑިއާއަށްވެސް މިފަހުން ސައިބާ ހަމަލަތައް އަމާޒު ކުރެވިފައި ވެއެވެ. އިންޑިއާއިން މިދިޔަ އަހަރުވެސް 1.16 މިލިއަން ސައިބަރ ހަމަލަ ލިބުނުކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާއަށް ސައިބާ ހަމަލާތައް އަމާޒު ކުރަނީ، ހަކަތަ އުފެއްދުމުގެ ދާއިރާއާއި ސިއްހަތާއި ބޭސް އުފެއްދުމާއި ރިސާޗްގެ ދާއިރާއަށާއި އެއަރލައިންތަކާއި ސަރުކާރު ޑޭޓާ ސެންޓަރު ތަކަށެވެ.

ޓައިވާން ޓައިމްސްއިން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއަށްވެސް އަދި ޓައިވާނަށްވެސް ސައިބާ ހަމަލަތައް އަންނަނީ ޗައިނާއިންނެވެ. ޓައިވާންގެ ސައިބަރ ސެކިއުރިޓީއާ ބެހޭ އިންވެސްޓިގޭޝަން ބިއުރޯއިން ބުނެފައި ވަނީ ޗައިނާގެ ސަރުކާރާ ގުޅުން ހުރި ހެކްކުރުމުގެ މަސައްކަތުގައި އުޅޭ ދެ ގްރޫޕަކުން ޓައިވާންގެ ސަރުކާރުގެ 10 މުއައްސަސާއަކަށް ހަމަލަ ދިން ކަމަށެވެ. އަދި ހަ ހާސް އީމެއިލް އެކައުންޓް ހެކް ކުރި ކަމަށެވެ.

ޓައިވާނުން ބުނާ ގޮތުގައި މި ހަމަލަތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ ހެލްތު އެން ހިއުމަން ސަރވިސަސް ސެކްރެޓެރީގެ ޒިޔާރަތަށް ފަހުގައެވެ.

މިދިޔަ އަހަރު އިންޑިއާއަށް ދީފައިވާ ސައިބާ ހަމަލާއާއި އަދި އެއާ ގުޅިގެން މުމްބާއީގެ މުހިންމު ތަންތަނުން ކަރަންޓް ކަނޑައިގެން ދިޔަ ހާދިސާއަކީވެސް ޗައިނާގެ ގްރޫޕަކުން ކުރިކަމެއް ކަމަށް ތުހުމަތުކޮށްފައި ވެއެވެ. އަދި ޓައިވާނުން ދެކޭ ގޮތުގައި ޗައިނާއާއި ޓައިވނާ ދެމެދު އޮތް ހަތުރުވެރިކަމުގެ ސަބަބުން ޗައިނާއިން މފަދަ ކަންކަމަކަށް ފަހެއް ނުޖެހޭނެއެވެ. ޓައިވާނުން ބޭނުންވަނީ އިންޑިއާއިން ޓައިވާނާ ގުޅިގެން ސައިބާހަމަލަތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ.