ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެލަވެންސެއް ނުނެގުމަށް އައިލެންޑް އޭވިއޭޝަންގެ ބޯޑަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ފާސްކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހުރި މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގައިވަނީ އައިލެންޑް އޭވިއޭޝަނުން އެއްފަހަރާ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވަނީ އުސޫލާޚިލާފަށް ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން އެކުންފުނީގެ ސީނިއާ މުވައްޒަފުންނާއި ބޯޑު މެންބަރުންނަށާއި އެނޫންވެސް ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކޮމިޓީން ފާސްކުރި ރިޕޯޓްގައި އެކުންފުނިން ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާއާއި 25،000 އާއި ދެމެދުގެ އަަދަދުތަކުން ބޮޑުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އެ ކުންފުންޏަށް މުވައްޒަފުން އިތުރުކޮށްފައިވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުންދާ މިންވަރަށް ނުބަލާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޖަނަވަރީ 2018އާ އަޅާބަލާއިރު ޖޫން 2019ގެ ނިޔަލަށް ކުންފުންޏަށް 169 (%15.7) މުވައްޒަފުން އިތުރުވެފައިވެފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމެއްނެތި ޑިޕާޓްމަންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވަނީ ޖަނަވަރީ 2019 ގައިކަށެވެ. އެއަށްފަހު ކުންފުންޏާއި އެ މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، 27 ޖޫން 2019 އިން ފެށިގެން ބޮޑުކުރި މުސާރަ ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުއްދަ ދެއްވާފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީގެ ހުއްދަ ހޯދުމެއްނެތި ބޮޑުކޮށްފައިވާ މުސާރަ އަނބުރާ ހޯދުމަށް މިނިސްޓްރީން އެކުންފުންޏަށް އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ.
މުސާރައަށް ގެނެސްފައިވާ ބަދަލުގެ ގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރައަށް 81950 ރުފިޔާއަށް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ 67630 ރުފިޔާއަށް އަރައެވެ.
ކޮމިޓީން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ކުންފުނިން އެކި ވިޔަފާރުތަކުން ލިބޭ އާމްދަނީއަށް ބަލާއިރު، ވަކި ވަކި ސެކްޓަރތަކުން ލިބޭ އާމްދަނީ ވަކިން ރިކޯޑްކޮށް ބެލެހެއްޓުމަށް ލަފާދީފައިވެއެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލެވެންސެއް ބޯޑު މެންބަރުންނާއި، ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، އަދި ކުންފުނީގެ ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ހަމަޖައްސައި ނުނެގުމަށް އެންގުމަށް ރިޕޯޓްގައި ހިމަނާފައިވެއެވެ.
އަދި އައިލެންޑް އޭވިއޭޝަން ސާރވިސްއަށް ޤައުމީ އެއަރލައިނެއްގެ ދަރަޖަ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް، މިހާރަށްވުރެ އިތުރަށް އެއްބާރުލުން ދެއްވުމަށް ސަރުކާރަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެންނެވުމަށްވެސްކޮމިޓީން ފާސްކުރި ރިޕޯޓްގައިވެއެވެ.