ހއ. އުލިގަމުގައި ޤާއިމްކުރާ ސިޓީހޮޓަލާ ޔޮޓު މެރީނާ މަޝްރޫއުގެ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިމަހުގެ 22 ވަނަ ދުވަހު އޮންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހއ. އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިސްޓް ހޮޓަލެއް ޔޮޓް ބަނދަރަކާއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް ޒޫމް މެދުވެރިކޮށްކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރާއްޖެއާ ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށްވެސް ފުރުސަތު ހުޅުވާލެވިފައިވާ މި މަޝްރޫޢާ ގުޅޭ ބިޑު ޑޮކިއުމެންޓް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭއިިރު މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބިޑު ޑޮކިއުމަންޓު ގަންނަން ލިބޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
މީގެކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ އުލިގަމު ކައުންސިލާއިއެކު މި މަޝްރޫއުގެ މައުލޫމާތު ހިއްސާކުރުމަށް އޮންލައިން ބައްދަލުވުމެއްވެސް ބާއްވާފައެވެ. އުލިގަމު ކައުންސިލުން ވަނީ، އެރަށަށް އަންނަ ޔޮޓް ފަހަރުން ނަގަމުން ދިޔަ ފީތައް ބޮޑުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އެޔާއެކު ފީގެ 75 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.