މާލޭގައި ވަޒީފާ އަދާކުރާ ރަށްރަށުގެ ރައްޔިތުންނަށް ރަށަށް ނުދެވޭތާ އެތައް ދުވަހެއްވެއްޖެއެވެ. ކަރަންޓީނުވާން ޖެހުމާއި މާލޭގައި ބަލި ފެތުރިފައިވާ މިންވަރުން، ގިނަމީހުންތިބީ ޗުއްޓީ ލިބުމުންވެސް ރަށަށް ނުގޮހެވެ. ނަމަވެސް މާލޭގެ ހާލަތު ތަންކޮޅެއް ރަނގަޅުވެ، ކަރަންޓީނު ނުވެ ރަށަށްދެވޭނެ ފުރުޞަތު ލިބުމުން ވަރަށް ގިނަ މީހުން މި ބޮޑު ޢީދަށް ރަށަށް ދާން ބޭނުންވިއެވެ. އެގޮތުން އާއިލާއާއި ބައްދަލުނުވެ ދެއަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މެންބަރަކު ބޮޑު ޢީދަށް ރަށަށް ގެންދިއުމަށްޓަކައި އާއިލާގެ ހުރިހާ ކުދިންނަށް ހަދިޔާ ގަތުމަށް ނުކުތެވެ. ޢީދު ގާތްވެފައި އޮތުމާއެކު ކުދިންނަށް އެންމެ ރަނގަޅު ހަދިޔާއަކަށް ވާނީ ޢީދު ހެދުން ކަމަށް އޭނާ ނިންމިއެވެ. އެހެން ކަމުން ފިރިހެންކުދިންނަށް ޓީޝާޓު ގަތުމަށްޓަކައި ފިހާރައަކަށް ވަނެވެ. އާއިލާގެ ކުދިން ހަމަ ލޮލަށް ނުފެނި ގިނަ ދުވަސްތަކެއްވުމުން މިހާރު އެކުދިންގެ އިސްކޮޅާއި ރޫފަ ހުންނާނެ ވަރެއް ނޭނގޭތީ ހުރިހާކުދިންގެ އުމުރު އެނގުމުން ހެޔޮވަރު އެއްޗެހި ލިބޭނެކަމަށް އޭނާ ހީކުރިއެވެ.
ފުރަތަމަ ޖެހުނު ފިހާރައަށް ވަދެ ސޭޓަކަށް އިން މީހާ ގާތު ނުވަ އަހަރު ކުދިންގެ ހެދުން ދެއްކުމަށް އެދުނެވެ. ސޭޓު ބުންޏެވެ. "އަހަންނަށް އޭޖުން ނޭނގޭ" ވިޔަފާރި ކުރަން ދިޔަ ފަރާތުން ސުވާލު ކުރިއެވެ. "ތިޔަހެންވީއިރު ފޮޓޯ ދެއްކީމަ އެނގޭނެ ހެއްޔެވެ؟" ސޭޓް ޖަވާބު ދިނެވެ. " ފޮޓޯއިން ވެސް ނޭނގޭނެ". ވިޔަފާރި ކުރަން ދިޔަމީހާ ރުޅިއައިސް ރަތްވެގެން "އޭޖުން ނޭގެނީ ފޮޓޯއިން ނޭނގެނީ ކަލެއަށް ކޯޗެއް އެނގެނީ. ބޮޑުމީހާ އަށް ގޮވާބަލަ" އޭނާ ބުންޏެވެ. ދެން ސޭޓަކަށް އިން ބިދޭސީމީހާ ދިވެއްސަކަށް ގޮވާ ގެނައުމުން އުމުރު ޖަހާފައި ހުރި ޓީޝާޓާއި ގަމީސް ދެއްކިއެވެ. ދެން ރަށަށް ދާން ހަދިޔާ ގަންނަން އައި މީހާ އާއިލާގެ ހުރިހާކުދިންނަށް ހެޔޮވަރު ވާނެކަމަށް ލަފާކޮށްފައި ހެދުން ގަނެފިއެވެ.
ހެދުންތައް ހިފައިގެން ރަށަށް އައިސް ހުރިހާ ކުދިނަނަށް ޢީދު ހެދުން ބެހުމަށް ތައްޔާރުވެއްޖެއެވެ. ހުރިހާކުދިން އެއް ގެއެކަށްގެނެސް އެކުއްޖަކަށް ގެނައި ޢީދު ހެދުން ހެޔޮވަރުކުރަން ފަށައިފިއެވެ. ހަތް އަހަރުގެ ކުއްޖާއަށް ގެނައިޓީޝާޓު ލެއްވިއިރު ކުއްޖާގެ ތަނބިކައްޓާ ހަމައަށް ފައިބައެވެ. އެކުއްޖާގެ ބައްޕަ ބުންޏެވެ. ދަރިފުޅާ ތިޔަ ޓީޝާޓް ހެޔޮވަރުވާނީ ބައްޕަ އަށެވެ. ދިހަ އަހަރުގެ ކުއްޖާއަށް ހެޔޮވަރު ޓީޝާޓު ވެސް ހަމަ އެހާ ދިގުވެފައި ފުޅަލެވެ. ގޭތެރެއިން އާއިލާގެ މެންބަރަކު ބޯދީ ބަލާލާފައި ބުނެފިއެވެ. ދަރިފުޅާއެވެ. ތިޔަ މަންމަ އަށް ދޭށެވެ. މަންމަގެ ޖިލްބާބު ހެދުމަކަށް ރަނގަޅުވާނެއެވެ.
ކޮންމެއަކަސް ޢީދަށް ކުޑަކުދިންނަށް ގެނައި ހެދުންތައް އެކުދިންނަށް ލެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ބޮޑެތިކުދިންނަށް ގެނައި ހެދުންތައް ހެޔޮވަރެވެ.
މިއީ ބައެއްފަހަރު އޮންލައިންކޮށް އެއްޗެހި ގަތުމުންވެސް ލިބޭ ލަނޑެކެވެ. އުމުރު ލިޔެފައި ހެދުމަށް އޯޑަރު ދިނުމުން ބައެއްފަހަރު ބައްޕަ އަށް ގެންނަ ގަމީސް ދިހަ އަހަރުގެ ދަރިފުޅަށްވެސް ހެޔޮވަރު ނުވެއެވެ.