ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރު މަސައްކަތުން އެކަހެރި ކޮށްދިނުމަށް، ފުވައްމުލަށް ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ.
ފުވައްމުލަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މާބަނޑު މީހުންނާއި ދަރިންގެ ފުރާނައަށް ގެއްލުންވާ ފަދަ ބައެއް ހާދިސާތައް ހިނގަމުންދާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ ހޮސްޕިޓަލުގެ މެނޭޖްމެންޓާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދި އެ ޑޮކްޓަރާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ކަންބޮޑުވާންޖެހޭ ވަރުގެ ވާހަކަތަކެއް ކަމާއި، އަދި ފާއިތުވި ދެމަސްދުވަހުގެ ތެރޭ ކުރި ސިޒޭރިއަން އޮޕްރޭޝަންތަކުގެ ތެރެއިން ތިން ކޭސްއެއްގައި މައްސަލަތައް ދިމާވެ ބަލިމީހާ މާލެ ފޮނުވަން ޖެހުނު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާވާ ކަމުގެ ޝަކުވާ ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސް، ހައްލެއް ހޯދަން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މިދިޔަ ދުވަސްތަކުގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތައް ތަކުރާރު ވެދާނެ ކަމަށްޓަކައި ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްގައި ވަނީ ވަގުތުން އެ ޑޮކްޓަރު މަސައްކަތުން އެކަހެރި ކުރުމަށް އެދިފައެވެ. އަދި މިހާރު ހުރި ޑޮކްޓަރު ސަސްޕެންޑް ކުރުމުގެ އިތުރުން އޭނާގެ ބަދަލުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ އެހެން ޑޮކްޓަރެއް ހަމަޖައްސައި ދިނުމަށް ވެސް ހެލްތު މިނިސްޓްރީގައި އެ ކަައުންސިލުން ވަނީ އެދިފަ އެވެ.
"މިކަންވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށްވެސް ގެނެވިފައެވެ. އަދި މިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރާއި ދިވެހިރާއްޖޭގެ ނައިބް ރައީސް އަދި ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ ފަރާތުން ލިބިފައިވާކަން މިފުރުސަތުގައި ދަންނަވަމެވެ" އެ ބަޔާނުގައި ވެއެވެ.
އަދި މިކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރާއި ނައިބު ރައީސް އަދި ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ ފަރާތުން ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.