ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވި، އާންމުން, ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލު ކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މުޖުތަމައަށް އެންމެ ބޮޑަށް ބޭނުންވަނީ ގާނޫނުތައް ހިންގުން ކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމުގައެވެ.
"ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގަ ފުލުހުންގެ ހިދުމަތަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ. އެކަމުގެ ސަބަބުން އާންމުން ފުލުހުންނަށް ކުރާ އިތުބާރު ވެސް އިތުރުވެއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ އައު ގާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމުގައެވެ.
އެގޮތުން މިހާރު ފުލުހުންގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓާޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާ ކުރުންވެސް ހިމެނޭ ކަމަށެވެ.
މި ބައްދަކުރެއްވުމުގައި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ހިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަންކަން ފާހަގަ ކުރައްވާފައެވެ.
ފުލުހުން ރައީސަށް ދެންނެވީ ފުލުހުންގެ މަސައްކަތާއި ގުޅިފައިވާ އެހެން މުއައްސަސާ ތަކުންވެސް ފުލުހުންނާ ގުޅިގެން ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ އައު ގާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކާއި މީހުން ބިނާކުރުންފަދަ ފުލުހުންގެ ހިދުމަތުގެ ތަރައްގީއަށް މިހާރު ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ފުލުހުން ފާހަގަ ކުރި އެވެ.
ރައީސް، ފުލުހުންނާ ބައްދަލު ކުރެއްވުމަށްފަހު ވަނީ ޕޮލިސް ސްޓޭޝަންގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖުކުރާ ސަރަހައްދަށް ޒިޔާރަތް ކުރައްވައި އެ ސަރަހައްދު ބައްލަވާލައްވާފައެވެ.