މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ އާއި ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނެއްގައިވަނީ ހުޅުމާލެ ދެ ފްލެޓަކާއި ގެއެއް ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހުޅުމާލޭގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް އާއި ފުލުހުންގެ އިންޓެލިޖެންސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންގެ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެތިން މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 30 ހުސް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ޑިޖިޓަލް ސްކޭލް އަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅޭ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އަދި އޭގެތެރެއިން 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ޓިޝޫއެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުންވަނީ ފުވައްމުލަކުގައި ވެސް އޮޕްރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަނުގައި ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 225 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ނަމަވެސް މި އޮޕަރޭޝަނުގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވެއެވެ.
މަސްތުވާތަކެތީގެ މިމައްސަލަތައް ހުޅުމާލެ ޕޮލިސް އާއި ފުވައްމުލަކު ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުން ކަަމށް ފުލުހުން މައުލޫމާތުދެއެވެ.