ބާސެލޯނާގެ ކޯޗްކަމުގެ މަގާމާ ހަވާލުވުމަށްޓަކައި ނެދަލޭންޑްސް ގައުމީ ޓީމުގެ ކޯޗްކަމުގައި ހުރި އަދި ބާސެލޯނާ އާއި ނެދަލޭންޑްސް ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑް ކޫމަން ބާސެލޯނާއަށް މިރޭ ހިނގައްޖެއެވެ.
ބާސެލޯނާގެ ކޯޗްކަމުގެ މަގާމަށް ކޫމަން ހަމަޖައްސަން ބާސެލޯނާއިން ނިންމާފައި މިވަނީ ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި ލަދުވެދި ގޮތަކަށް ބަޔާން މިޔުނިކް އަތުން 8-2 އިން ބަލިވި، ސަޕޯޓަރުންގެ ޕްރެޝަރާ ބާސެލޯނާގެ ބޯޑަށް ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ. ސްޕެއިންގެ ބައެއް މީޑިޔާތަކުން ވަނީ ކޫމަން ބާސެލޯނާގެ އެއަރޕޯޓުގައި ހުރި ފޮޓޯތަކެއް ސޯޝިއަލް މީޑިއާގައި ހާމަކޮށްފައެވެ.
ޔުއެފާ ނޭޝަންސްލީގުގެ ފައިނަލަށް މިދިޔަ އަހަރު ނެދަލޭންޑްސް ގެންގޮސްދިން ކޫމަން ،57، ވަނީ 2018 ވަނަ އަހަރު ނެދަލޭންޑްސް ގައުމީ ޓީމާއި ހަވާލުވެ އެޓީމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދީފައެވެ. ކޫމަން ކޯޗިންގ ކެރިއަރ ފެށީ 2001 ވަނަ އަހަރު ނެދަލޭންޑްސް ގެ އަޔަކްސްއިންނެވެ. އޭގެ ކުރިން 1998 ގެ ވޯލްޑް ކަޕުގައި ވާދަކުރި ނެދަލޭންޑްސް ގައުމީ ޓީމުގެ ކޯޗިންގ ސްޓާފުން ތެރޭގައި ކޫމަން މަސައްކަތް ކުރިއެވެ. އަދި ވޯލްޑް ކަޕަށްފަހު ކޫމަން މަސައްކަތް ކުރީ ނެދަލޭންޑްސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައެވެ.
ކޫމަން ވަނީ ނެދަލޭންޑްސްގެ ޗެމްޕިއަންކަން ކޯޗެއްގެ ގޮތުގައި އަޔަކްސްއާއެކު 2003 އަދި 2002 ގައި ހޯދާފައެވެ. އަދި ސްޕެނިޝް ކޮޕާ ޑެލްރޭ 2008 ވަނަ އަހަރު 2008 ވަނަ އަހަރު ވެލެންސިޔާއަށް ކާމިޔާބު ކޮށްދިނެވެ.
ފުޓްބޯޅަ ކުޅުނު ދުވަސްވަރު ކޫމަން ފާހަގަ ކުރެވިފައިވަނީ ގޯލާ ވަރަށް ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ. ބާސެލޯނާގެ މަޝްހޫރު ކޯޗް ޔޯހަން ކްރައިފްގެ މަޝްހޫރު "ޑްރީމް ޓީމް" ގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގަޔާއި ނެދަލޭންޑްސްއިން ޔޫރަޕުގެ ޗެމްޕިއަންކަން 1988 ގައި ހޯދި ޓީމުން މަޝްހޫރުކަން ހޯދި ކޫމަންއަކީ ސްޕެނިޝް ލަލީގާގެ ތާރިހުގައި ޖެހިގެން އެންމެ ގިނަ ޕެނަލްޓީ ކާމިޔާބު ކުރި ކުޅުންތެރިޔާއެވެ. އަދި މެސީއަށްފަހު އެންމެ ގިނަ ހިލޭޖެހުންތަކުންނާއި ޕެނަލްޓީތަކުން ބާސެލޯނާއަށް ލަނޑު ޖަހައިދީފައި ވަނީވެސް ކޫމަންއެވެ.