ޓިވެޓް އޮތޯރިޓީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ކޯސްތަކަށް ބޭނުންވާ ކޯސް މެޓީރިއަލް ތައްޔާރު ކުރަން އެންވާރަމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އިން އެއްބަސްވެއްޖެ އެވެ.

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، މިނިސްޓްރީ އޮފް އެންވަރަޔަރަންމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ދެމެދު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ޙަސަނެވެ. އަދި އެމް.އައި.ޓީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގައި ފެނާއި ނަރުދަމާގެ ދާއިރާގައި ސިލަބަސްތަކެއް ތައްޔާރުކުރެވި އެކަމާބެހޭ ސަނަދެއް ނުވަތަ ސެޓިފިކެޓެއް އުފައްދައި އޭގެ މައްޗަށް މީހުންނަށް ތަމްރީން ކުރެވިފައި ނެތް ކަމަށެވެ.

މި ކޯސްތަކަކީ ލެވަލް 3 އަދި 4 ގެ ސެޓްފިކެޓް ކޯސްތަކަކެކެވެ. ކޯސްތަކުގެ ތެރޭގައި ޕްލަމިން، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ޓެސްޓްކުރާ ލެބޯޓްރީ ޓެކްނީޝަންސް ހިމެނެ އެވެ.

އެންވާރަމަންޓުން ބުނީ، މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ކޯސްތަކެއްކަމަށެވެ. އަދި މި ކޯސްތަކުގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް ވިދާޅުވީ، ފެނާއި ނަރުދަމާގެ ދާއިރާއިން ރާއްޖޭގައި ކިޔަވައިގެން ތިބި މީހުންގެ އަދަދު މަދުކަމަށާ މި ދާއިރާއިން އެކުލަވާލާ ކޯސްތަކަކީ ރާއްޖޭގެ މާޙައުލާގުޅޭ ފަހުގެ ޓެކްނޮލޮޖީތަކަށް ރިޢާއަތްކޮށް ތައްޔާރުކުރާ ކޯސްތަކެއްކަމަށްވެސް ހަލީމް ވިދާޅުވިއެވެ.