ދިމާވި މައްސަލަ ހައްލުކޮށް މުޅި މާލެއަށް އަލުން ކަރަންޓު ދީފި އެވެ.
ސްޓެލްކޯ އިން ބުނީ މިއަދު މެންދުރު 12 ޖަހާކަންހާ އިރު، މުޅި މާލެއިން ކަރަންޓު ދިޔައީ ގްރޭޓަރ މާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އަދި މުޅި މާލެއަށް އެއްކޮށް ކަރަންޓު ދީފައިވަނީ މިއަދު މެންދުރު ގާތްގަޑަކަށް 2 ޖަހާ ކަންހާ އިރު ކަމަށެވެ.
ގްރޭޓަރ މާލެ ގްރިޑްގެ މަސައްކަތުގެ ދަށުން މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ. އަދި ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
" ގްރޭޓަރ މާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުން 21 ޖުލައި ވާ ބުދަ ދުވަހު ހެނދުނު އަށަކުން ހަވީރު ފަހެއް ޖަހަންދެން ކުރިޔަށްދާނެ. އަދި މި ދުވަހު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ. ހަމަމިއާއެކު ޖުލައި 22 ވާ ބްރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް." ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ގްރޭޓަރ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ.
“މި މަސައްކަތުގެ ޓެސްޓިންގ މަރުހަލާތައް ކުރިޔަށްދާއިރު އަދި ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ގްރޭޓާމާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީއެންމެ އަވަހަކަށް ނިންމުމަށް. މި މަސައްކަތް ކުރިޔަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް އަޅުގަނޑުމެން ގެންދާނީ މީޑިއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުން. ދިމާވި ދަތިތަކަށް އަދިވެސް އެއްފަހަރު އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން.” ސްޓެލްކޯ އިން ބުންޏެވެ.