ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމެއް 2022 ވަނަ އަހަރު ބާއްވަން ނިންމައި ސަރުކާރުން އެކަން އިއުލާން ކޮށްފި އެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަހާ ގުޅިގެން ޒޫމް މެދުވެރިކޮށް ބޭއްވި ހަފުލާއެއްގައި ރާއްޖޭގައި ބޯހިމަނަން ނިންމާފައިވާކަން މިއަދު އިއުލާން ކުރެއްވީ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، 2022 ވަނަ އަހަރު ބޯހިމަނަން ނިންމާ ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި މި ބޯހިމެނުން ފުރިހަމަ ވާނީ ރާއްޖޭގެ ހުރިހާ އެންމެންގެ ވެސް ބައިވެރިވުމާއެކު ކަމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސްފައިވާއިރު 1931 ވަނަ އަހަރު މެދުކެނޑުމެއްއައެވެ. އަދި އެންމެފަހުން ބޯހިމެނުމެއް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރުގައެވެ. ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުން ދައްކާގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402071 މީހުންނެވެ.

މި ރަސްމިއްޔާތު ގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ތަފާސްހިސާބާ ބެހޭ ބިލެއް މި ވަގުތު އެބަ އޮތް ކަމަށާ އެ ބިލް ޤާނޫނަކަށް ވެގެން އައުމުން ތަފާސްހިސާބާ ގުޅުން ހުރި މިނިވަން މުއައްސަސާއެއް އުފެދިގެން ދާނެކަމަށް ވިދާލުވެފައެވެ.

2022 އަހަރު ކުރިއަށް ގެންދާ ބޯހިމެނުން ފުރިހަމަ ކުރުމަށް ރާއްޖޭގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ވެސް މިއަދު އެދުނެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ.