ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް މިއަދުވެސް ކުރާނެ ކަމަށާއި އެހެންކަމުން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމުގެ ގޮތުން، ކުރިއަށްގެންދާ މިމަސައްކަތަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މިއަދު ހަވީރު 5:00 އާއި ހަމައަށް ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ކަމުން މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި މިގަޑިތަކުގައި އެސަރަހައްދުތަކުން ކަރަންޓު ދިޔަ ނަމަވެސް، އެމަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ގުޅައިދޭނެ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން މިމަސައްކަތް ކުރުމަށް މީގެ ކުރިން ރޭވިފައިއޮތް ދުވަސްތަކުގެ އިތުރުން މިމަހުގެ 23 އާއި 24 ވަނަ ދުވަސްތަކުގައި މިމަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ 24 ވަނަ ދުވަހު އެމަސައްކަތް ނިންމާލެވޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.