އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރު ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

އާޒިމާގެ ވަކީލުން ވިދާޅުވީ، އާޒިމާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ބައިވެރިވުން އޮވެގެން ކަމަށެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތަށް މަގުފަހިވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނަވައިގެން ބިޝާމް އަމަލުކުރި ގޮތުން ކަމަށާއި ޚިޔާނާތާ ގުޅޭ ރިޕޯޓުތައް އޮޑިޓާ ޖެނެރަލް ނެރުމުން އެކަމުގައި ބިޝާމް ފިޔަވަޅު އަޅުއްވާފައި ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެ މަގާމަށް އާދެވޭނެ ގޮތަށް ގާނޫނު އާސާސީގައިވާ ނާއިބު ރައީސުންގެ އުމުރުފުރާގެ މާއްދާ އިސްލާހު ގެނައުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އުއްތަމަ ފަނޑިޔާރު ވަކި ކުރެވޭނެ ގޮތަށް ލަފާ ދެއްވީ ވެސް ބިޝާމް ކަމަށް އާޒިމާ ތުހުމަތު ކުރައްވައެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިނގިއިރު ރައީސް އޮފީހުގައި ގާނޫނީ ކަންކަން ނިންމަން އޮންނަ އިދާރާ، ލީގަލް އެފެއާޒްގެ އެންމެ އިސް މީހަކަށް ހުންނެވީވެސް ބިޝާމް ކަމަށާ އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ސިޔާސީ ބޮޑެތި ނިންމުންތަކުގައި ބިޝާމްގެ ބައިވެރިވުން އޮތް އިރު މި މައްސަލަ ތަހްގީގު ކުރާ ސުޕަވައިޒަރެއްގެ މަގާމަށް ވަޑައިގަތުމަކީ ކަމުން ރެކެން ވެގެން ކުރެއްވި ކަމެއް ކަމަށް އާޒިމާ ވަނީ ތުހުމަތުކޮށްފައެވެ.

މިވާހަކަތަކަށް ރައްދެއްގެ ގޮތުން ދައުލަތުން ބުނީ، އާޒިމާގެ މައްޗަށް ދައުވާކުރާ މައްސަލާގައި ބިޝާމްގެ މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށާ މިކަމުގައި ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ނުފެންނަ ކަމަށެވެ.

އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އާޒިމާ ވަނީ އޭނާއަށް ކުރާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް ވިދާޅުވެފަ އެވެ. ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގެ ދައުވާގައި އާޒިމާ ކުރެއްވި އަމަލެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.