އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރާނެކަމަށް އިންޑިއާއިން ބުނެފިއެވެ.

މިނިސްޓަރު ޝާހިދުގެ ދަތުރުފުޅާއި ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓާ ގުޅޭ މަޝްރޫއުތަކެއްގައި ސޮއި ކުރުމަށް ނިންމާފައިވާކަމަށެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެއްބަސްވުން ތަކުގައި ސޮއި ކުރުމަށްފަހު އެކަމާގުޅޭ ތަފްސީލުދެއްވާނެކަމަށެވެ.

އިންޑިއާގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސ. ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.