ހުރިހާ ކަމެއް އަޑު ގަދަކޮށްގެން ހައްލެއް ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކަންކަން ހައްލު ކުރަން ރަނގަޅު ގޮތްތަކެއް ރާވައިގެން ވިސްނުންތެރިކަން އިސްކުރުން މުހިންމު ކަމަށެވެ. އަދި ހުރިހާ ކަމެއް އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއް ނޫން ކަމަށެވެ.
ބަސްމަދުކޮށް އަމަލު ގިނަކުރާ އުސޫލު މުހިންމުކަން ފާހަގަކުރައްވާ މެމްބަރު ރޮޒެއިނާ ވަނީ ވެރިންނަށް ހެޔޮ ވިސްނުން ދެއްވުމަށް ވެސް އެދިފަ އެވެ.
މި ޓްވީޓުގައި ވަކި މީހަކަށް ސީދާ ނިސްބަތްކޮށްފައި ނުވިނަމަވެސް ރައީސް ނަޝީދަށް ދެވުނު ޓެރެރިސްޓް ހަމަލާއަށްފަހު އެމަނިކުފާނު ފާޅުކުރައްވާ ޝުއޫރުތަކާއި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ނަފްރަތުގެ ބިލާއި ގުޅިގެން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުން ނެވެ.