"އަޅުގަނޑުމެން ދެކޭ ގޮތުގައި ޗައިނާގައި އުއިގޫރު މުސްލިމުންނާއި އެހެން ބައިމަދު ދަރިކޮޅުގެ މީހުންގެ އިންސާނީ ޙައްގުގެ ޙުރުމަތް ކަނޑާލުމުގެ އަމަލުތައް ދަނީ ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. މިހާލަތުގައި ޗައިނާގެ ސިޓީއަކާއެކު ގުޅުން ދެމެހެއްޓުމަކީ އަޚުލާގީގޮތުން މުނާސިބު ކަމެއް ނޫންކަމުގައި ދެކެމެވެ." މިއީ ނެދަރލެންޑްސްގެ އަރހެމް ސިޓީ ކައުންސިލުން ޗައިނާގެ ވޫހާން ސިޓީއާއެކު ދަމަހައްޓަމުން އައި ގުޅުން ކަނޑާލުމަށް މިއަދު ނިންމި ނިންމުމެވެ.

އާރހެމް ސިޓީގެ މޭޔަރ ބޭނުންފުޅުވީ ޗައިނާއާއެކު ގުޅުން ދަމަހައްޓައި އިންސާނީ ޙައްގަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅައި މަޝްވަރާތައް ބޭއްވުމެވެ. ނަމަވެސް ކައިންސިލްގެ މެޖޯރިޓީން ނިންމީ ގުޅުން ކަނޑާލާށެވެ.

ސިޓީ ކައުންސިލުން ނިންމި ނިންމުން ބިނާކޮށްފައި ވަނީ ޗައިނާގެ އުއިގުރު މީހުންނާ ދެކޮޅަށް ޗައިނާއިން ހިންގާ އަމަލަކީ ނަސްލު ނެތިކޮށްލުމުގެ އަމަލެއްކަމަށް ނެދަރލެންޑްސް ޕާލަމެންޓުން ނިންމި ނިންމުން އަސްލަކަށް ބަލައިގެންނެވެ. ޗައިނާއިން ބުނަނީ މިއީ ޗައިނާގެ އަގު ވައްޓާލުމަށް ފަތުރާ ބުހުތާން ދޮގުތައް ކަމަށެވެ.

ނެދަރލެންޑްސް ޓައިމްސްއިން ބުނިގޮތުގައި ޗައިނާގެ ވޫހާނާއެކު އަރހެމްއިން ގުޅުން އުފައްދާފައި ވަނީ 1999 ގައެވެ.