"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދެވަނަ ފިޔަވަހި، މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖް މަޝްރޫޢުއަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލަން ނިންމައިފިއެވެ.
މި ޕްރޮޖެކްޓާއި ގުޅިގެން ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބެލުމުގެ މަސައްކަތްކުރާ ކުންފުނި "ސީޑީއީ ކޮންސަލްޓިންގ"ގެ ފަރާތުން ވަނީ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެކުންފުނިން ބުނެފައިވަނީ މި ޕްރޮޖެކްޓާއި މެދު އާއްމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ 26ވަނަ ދުވަހު 16:00 ގައި "ޒޫމް"މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. ބައްދަލުވުން އޮންނާނީ 26ވަނަ ދުވަހު ހަވީރު، 16:00 ގައެވެ.
މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖް މަޝްރޫޢު ސަރވޭގެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު މި ސަރވޭގައި ބްރިޖު ހުރަސްކުރާ ކަނޑުގެ ސަރަޙައްދާއި، ބްރިޖުން ގުޅާލާ ރަށްތަކުގެ ބިމުގެ ސަރަޙައްދުގައިވެސް ސަރވޭތައް ކުރިއަށްގެންދެއެވެ. މީގެ އިތުރުން ސަރވޭ ހެދުމަށް އެއްގަމާއި ކަނޑުގެ ސަރަޙައްދުން 18 ބޯހޯލް ތޮރުފާނެއެވެ.
6.7 ކިލޯމީޓަރުގެ މި ބްރިޖް ގެ ފައިނަލް ކުރެހުންތައް ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ މާލެއާއި ތިލަފުއްޓާއި ދެމެދު ގުޅާލާ ބްރިޖުގެ ހުރިހާ މަސައްކަތަކީވެސް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.