މޫސުން ގޯސްވެ އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ މެންދުރުފަހު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލައި، އިތުރު ގެއަކަށް ފެން ވަންނަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ވިއްސާރަވެ، ވައިގަދަ ވުމުގެ ސަބަބުން ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލި ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 15:41 ހާއިރު ސަދަން އޭރިއާއަށް ލިބުމާ އެކު، ފުރާޅު އެއްލާލި ގެއަށް ސިފައިން ގޮސް ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިތަދޫގެ ގެއަކަށް ފެން ވަންނަކަމުގެ މަޢުލޫމާތު މިއަދު ހަވީރު 16:45 ހާއިރު ލިބުމާ އެކު، ސިފައިން އެ ގެއަށް ގޮސް، އެގެއަށް ފެން ވަނަނުދިނުމަށްޓަކައި، އެގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.