ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖޭތެރޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރެވެހި ވައިބާރު ވުމުގެ ސަބަބުން ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން 12:00 އަށް ކަމަށެވެ.

ހުދު ސަމާލުގެ މިވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވަައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވަައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މިއަދު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ވައި ޖެހޭނެ ގޮތަށް ބަލާލާއިރު އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭއިރު އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ އުުތުރުގެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭތީ އުތުރުގެ ސަރަހައްދުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.