މީގެ ސޯޅަ އަހަރުކުރިން ފެށިގެން އެމްޑީޕީން ހޯދަން ނިކުތް އެތި އެޕާޓީއަށް އޮޅިއްޖެ ކަމަަށް އެތެރޭގައި އޮތް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ 16 އަހަރު ކުރިން އެމްޑީޕީން ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިފައިވާ ކަމަށާއި ޔަގީނުން ވެސް 16 އަހަރު ފަހުން އެމްޑީޕީ އަށް ލިބިފައިމިވަނީ ހޯދަން މަސައްކަތް ފެށި އެތި ނޫންކަން އެމްޑީޕީގެ އެންމެ އިސްވެރިން އިން ފަށައިގެން އާންމު މެމްބަރުންނަށް ވެސް އިނގޭނެ ކަމަށެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަަދު އަސްލަމް ވިދާޅުވުމުން އެމްޑީޕީ މެމްބަރުން އޭނާއަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ.