ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދިނުން މިރޭ އޮންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ 8:40 ގައި ކަމަށެވެ. މިއީ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މި ޕްރެސް ގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ މޭ މަހު ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ 8:20 ހާއިރު ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލި މި ހަމަލާ އެމަނިކުފާނަށް ދީފައިވަނީ، ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ނެވެ.

މި ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު، ޖަރުމަން ވިލާތުން ވެސް ވަނީ ރައީސް ނަޝީދު ފަރުވާ ހޯއްދަވާފަ އެވެ. އަދި އިތުރު ފަރުވާއަށް މިހާރު ހުންނެވީ ލަންޑަންގަ އެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އިންކުއަރީ ރިޕޯޓެއް ތައްޔާރުކުރުމަށް ފަހު ރައީސް ސޯލިހަށާއި އުއްތަމަ ފަނޑިޔާރަށް އަރުވާފަ އެވެ.