ބާސެލޯނާގެ ޓެކްނިކަލް މެނޭޖަރ އެރިކް އަބިދާލްގެ ކޮންޓްރެކްޓް އެކްލަބުން މިއަދު ބާތިލް ކޮށްފިއެވެ.
ކެޕްޓަން ލިއޮނަލް މެސީއާއި ނިމިދިޔަ ސީޒަނުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވާ އަބިދާލް މަގާމުން ވަކިކޮށްފައި މިވަނީ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި ބަޔާން މިޔުނިކް އަތުން 8-2 ގެ ބޮޑު ތަފާތަކުން ބަލިވެ ބާސެލޯނާގެ މެނޭޖްމަންޓަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ބާސާއިން ވަނީ އެކްލަބުގެ ކޯޗް ކްއިކޭ ސްޓިއެންވެސް މަގާމުން ވަކިކޮށްފައެވެ.
އަބިދާލްއަކީ ބާސެލޯނާއަށް ކުޅުންތެރިން ގެނައުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތެވެ. ފާއިތުވެދިޔަ 2 އަހަރު ތެރޭގައި ބާސެލޯނާއަށް ކުޅުންތެރިން ގެނައުމުގެ ކަންކަމުގައި އަބިދާލް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ބާސާ ސަޕޯޓަރުން ވަރަށް ބޮޑަށް ތުހުމަތު ކުރެއެވެ.
އަބިދާލްގެ ކޮންޓްރެކްޓް ބާތިލްކޮށް ބާސާއިން ނެރެނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެއްބަސްވުން ބަތިލް ކުރީ ދެފަރާތުން ވާހަކަ ދައްކައިގެން ކަމަށެވެ. "ފާއިތުވެދިޔަ ދުވަސްތަކުގައި ބާސެލޯނާއަށް ކުރިއެރުން ގެނައުމަށް ހުރިހާ ދިމާއަކުން އަބިދާލް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ކްލަބުން ވަޒަން ކުރަން. މިކްލަބުން އޭނާއަށް އިތުރު ކުރިއެރުމަށް އެދެން" ބާސާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ސްޕެއިނުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އަބިދާލް މަގާމުން ވަކިކުރުމުގެ ފަހަތުގައި ވަނީ މެސީ އެކްލަބު ދޫކޮށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ބާސާއިން ފެށުމެވެ. ބާސެލޯނާއަށް ރައީސަކު ހޮވުމަށް އަންނަ އަހަރުގެ މާރިޗް 15 ގައި އިންތިހާބު ބާއްވާނެކަން ރައީސް ޖޯސެފް މާރިއާ ބާޓޮމިއޫ އިއްޔެ އިއުލާން ކޮށްފައެވެ.