ރައީސް ނަޝީދަށް ޙަމަލާދީފައިވަނީ އައިއެސްގެ ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ގުޅިގެން މިހާރު ކުރިއަށްދާ ޕްރެސްގައި އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ހަމަލާ ދިން ފަރާތްތަކަކީ އައިއެސްގެ ފިކުރަށް ތާއީދުކުރާ، އައިއެސްގެ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި އެމީހުން ދިވެހި ދައުލަތް ގަބޫލެއް ނުކުރާ ކަަމަށެވެ.

"ރައީސް ނަޝީދަށް ހަމަލާދިން ހަރުކަށި މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް. ޔާގޫތުގޭ ކައިރީ ބޮން ގޮއްވައިގެން ޖާނުން ފިދާވެގެން ހަމަލާދީގެން ނަޝީދު އަވަހާރަކޮށްލަން މީގެ ކުރިން މަސައްކަތްކޮށްފައިވޭ." ރިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާޒު ވިދާޅުވީ އެގޭކައިރިން އެކަން ކުރަން އުދަގޫތަކެއް ކުރިމަތިވުމުން ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާ ގަޑީގައި ވެސް ބޮމެއް ގޮއްވާލަން މަސައްކަތްކުރި ކަމަށެވެ.

އެގޮތުން މޭރީ ބްރައުން ސަރަހައްދުގައިވެސް ބޮމެއް ގޮށްވާލަން މަސައްކަތް ކުރިކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އިއުތިރާފުގެ އެއްބަސްވުން ހަދަން ހަމަލާގައި ބައިވެރިވި ބައެއް މީހުން އެދެމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ޕީޖީ ޝަމީމު ވިދާޅުވީ މިހާރު ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތަކުގައި އޮގަސްޓް ހަތަރެއްގެ ކުރިން ލިޔުންތައް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި މިމީހުނެގް މައްސަލަތުގައި 30 ދުވަހުގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ފަށަން ޖެހޭ ކަމަށެވެ.

ޝަމީމު ވިދާޅުވީ ތިން މަސް ތެރޭ ޝަރީއަތް ނިމި ކޮޅެއްގައި ޖެހޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ޕީޖީ ވިދާޅުވި އެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައިގެ މައްސަލައިގައި ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.