ޖުލައި 23 ގެ ކުރިން ރާއްޖެ އައި މީހުންގެ ކަރަންޓީނަށް ލުއިތަކެއް ދޭން އެޗްޕީއޭ އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި ބުނީ ޑަބްލިއުއެޗްއޯ އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް (ރާއްޖެ އަންނަ ދުވަހާ ހަމައަށް) ފުރިހަމަކޮށް ރާއްޖެ އައިސް 7 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން އަންގާ ކަމަށެވެ. އެގޮތުން މި ފަރާތްތަކާ އެކުގައި ދަތުރުކޮށް ރާއްޖެއައިސްވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީން ދޫކޮށްލުމަށް ވަނީ އަންގާފައެވެ.
އަދި ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ވަގުތުން ޕީ.ސީ.އާރ ޓެސްޓު ހެދުމަށާއި ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާ ދެމެދުގެ ތެރޭގައި ޕީ.ސީ.އާރ ޓެސްޓު ހެދުމަށް ވެސް ވަނީ އަންގާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލު ނެގި ތާރީހުން ފެށިގެން ރާއްޖެ އަންނަ ދުވަހާ ހަމައަށް 60 ދުވަސް ހަމަނުވާ މީހުން ކަރަންޓީނުން ދޫކޮށްލަން ޖެހެއެވެ. އަދި މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއަށްއެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ. އަދި ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ މީހުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ.